ޒުވާނަކު ނިޔާވި ހާދިސާއާ ގުޅިގެން ސައްހަކަން ކަށަވަރުނުކުރެވޭ މައުލޫމާތު ނުފެތުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ، ހޯމަ ދުވަހުގެ ރޭ ކުދިން ބައިތިއްބާ އެކޮމޮޑޭޝަނެއްގައި 18 އަހަރުގެ ޒުވާނާ ނިޔާވި ހާދިސާ، ދިވެހި ފުލުހުންގެ ހިދުމަތުން މިހާރު ތަހުގީގުކުރަމުންދާކަމަށެވެ.

އަދި މި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރަމުންދާކަމަށް ބުންޏެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅޭގޮތުން ސޯޝަލް މީޑިއާ އާއި އެނޫންވެސް ވަސީލަތްތަކުގައި ހަގީގަތާ ހިލާފު ވާހަކަތަކާއި، އަސާސެއް ނެތް ތުހުމަތުތަކުގެ އިތުރުން ވީޑިއޯ ފަދަ ތަކެތި ފަތުރަމުންދާކަން ފުލުހުންނަށް ފާހަގަކުރެވިފައިވާކަމަށެވެ. އަދި ސައްހަކަން ކަށަވަރުނުވާ މިފަދަ މައުލޫމާތު ފެތުރުމަކީ، މަރުހޫމްގެ އާއިލާއަށް ލިބޭ އިތުރު ހިތްދަތިކަމަކަށް ވުމުގެ އިތުރުން، ފުލުހުން ހިންގަމުންދާ ޖިނާއީ ތަހުގީގަށް ހުރަސްއެޅިދާނެކަމެއްކަމަށް ބުނެފައިވެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުންވަނީ، ސައްހަކަން ކަށަވަރުނުކުރެވޭ މި ފަދަ މައުލޫމާތު ނުފެތުރުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.