ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، ”އުފަކާރަ“ ތަމްރީން ޕްރޮގްރާމް މާލެ ސިޓީގައި ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ކާބޯތަކެތި އުފައްދާ އަދި ވިއްކާ ފަރާތްތަކަށް ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ރަނގަޅު ކުރުމަށްޓަކައި ހިންގާ ޕްރޮގްރާމެކެވެ.
މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ ކޮންފަރެންސް ހޯލްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ޖުމްލަ 19 ފަރާތަކުން ވަނީ މި ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.
މި ފަރާތްތަކަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ މެޑަމް ސާޖިދާއެވެ. މީގެ އިތުރުން މި ތަމްރީން ޕްރޮގްރާމްގައި ފެސިލިޓޭޓްކޮށްދެއްވި 17 ފެސިލިޓޭޓަރުންނަށްވެސް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެކަމަނާއެވެ.
ކާބޯތަކެތި އުފައްދާ ތައްޔާރު ކުރާ ފަރާތްތައް ކާބޯތަކެތީގެ ރައްކާތެރިކަމަށް އަހުލުވެރި ކުރުމުގެ ‘’އުފަކާރަ’’ ޕްރޮގްރާމް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ފަށާފައިވަނީ 2017 ވަނަ އަހަރުއެވެ.
މިހާތަނަށް ގްރޭޓަރ މާލޭ ސަރަހައްދުގެ އިތުރުން ޅ. އަތޮޅު، މ. އަތޮޅު، ކުޅުދުއްފުށި ސިޓީ، ނ. ވެލިދޫ، ފުވައްމުލައް ސިޓީ، ލ. އަތޮޅު އަދި ފ. އަތޮޅުގައި މި ޕްރޮގްރާމް ވަނީ ހިންގާފައެވެ.
މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ގީލާ އަލީގެ އިތުރުން ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

