ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ދިވެހިރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަން ފަށައިފިއެވެ.

މިގޮތުން މާލެ ސަރަޙައްދުގައި ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށްދާނީ އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން، އިސްލާމީ މަރުކަޒުގެ ހޯލުގައެވެ.

މާލެ ސަރަޙައްދުގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މެއި 14 އާއިހަމައަށް ހެނދުނު 9:30 އިން 13:00 އަށް ކަަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މާލެއާއި ހުޅުމާލެއާއި ވިލިމާލޭގެ ގޭބިސީތަކަށް ކަދުރު ބަހާނީ، އެ ގޭބިސީއެއްގެ އެޑްރެސް، ކަރަންޓު މީޓަރުގެ ނަންބަރު އަދި ކަދުރާ ހަވާލުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހުގައެވެ.

ސިޓީތަކާއި ރަށްރަށުގައި ކަދުރު ބަހާނީ، އެ ސިޓީއަކަށް ނުވަތަ އެ ރަށަކަށް ކަނޑައަޅާ ކަދުރު ހުސްވަންދެން ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓު ކަދުރެވެ.

ސިޓީތަކާއި ރަށްރަށަކަށް ޢަދަދު ކަނޑައެޅޭނީ ކޮންމެ 100 ގޭބިސީއަކަށް 50 ޕެކެޓުގެ ރޭޓުންނެވެ. އަދި ރަށްރަށާއި ސިޓީތަކަށް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް މެދުވެރިކޮށެވެ.