މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންނަށް ފަސްޓް އެއިޑް ކޯހެއް ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ، މޯލްޑިވްސް އިމިގްރޭޝަން އިން ހިންގާ ސެޓިފިކެޓް 3 އިން އިމިގްރޭޝަން އެންފޯސްމަންޓް ސްޓަޑީޒްގެ ދަރިވަރުންނަށް ކުރިއަށް ގެންދާ މި ކޯހުގައި ފަސްޓްއެއިޑަކީ ކޮބައި ކަމާއި، ހަށިގަނޑުގެ ބައެއް މުހިންމު ސިސްޓަމްތައް މަސައްކަތްކުރާ ގޮތާއި، ސީޕީއާރު ދޭނެ ގޮތާއި، ހޭނެތިފައިވާ މީހަކަށް ފަރުވާދޭނެ ގޮތާއި، ޒަހަމްވެ ލޭއައުން ފަދަ ކަންކަން މެނޭޖްކުރުމާއި، ފިހުމުން ފަރުވާދޭންވީ ގޮތާއި، ބަލި މީހުން އެސެސް ކުރާނެގޮތާއި މަސްކިއުލަރ ސްކެލަޓަލް އިންޖަރީސްއާއި، ސްޓިންގްސް އެންޑް ބައިޓްސްއާއި، އެންވައިރަމަންޓަލް އިންޖަރީސްއާއި، ކޮމަން މެރިން އިންޖަރީސް ފަދަ އެހެނިހެން މުހިންމު އަދި އާންމުކޮށް ދިމާވާ ކުއްލި ހާލަތްތަކުގައި މަސައްކަތް ކުރާނެގޮތް ކިޔަވައިދީ އިމްތިހާނު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި މަހުގެ 21 އިން މެއި 09 އަކަށް ތިން ބެޗަކަށް ބަހާލައިގެން ކުރިއަށްދާ މި ކޯހުގައި 70 ދަރިވަރުން ބައިވެރިއެވެ.
ކޯހުގައި ކިޔަވައިދޭނީ އެމްއެންޑީއެފް މެޑިކަލް ކޯރ އަދި މިލިޓަރީ ސްކޫލް އޮފް މެޑިސިންގެ ތަޖުރިބާކާރު މުދައްރިބުންނެވެ.

