ބަންކަރިންގެ ހިދުމަތުން މިހާތަނަށް ދައުލަތަށް ބިލިއަނެއްހާ ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސައީދު މިކަން ހާމަކުރެއްވީ، ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ސައީދު ވިދާޅުވީ، ބަންކަރިންގެ ހިދުމަތުން މިދިޔަ އޭޕްރީލްގެ ނިޔަލަށް ދައުލަތަށް 923.46 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ
”ދެ އަހަރެއް ތެރޭގައި އަދި ބަނދަރު ނެތި، މި ފެށުނު މަސައްކަތުން ގާތްގަނޑަކަށް އެއްބިލިއަން ރުފިޔާއާ ހިސާބަށް މިހާރު އާމްދަނީ އިތުރުވެގެން މި އައީ،“ ސައީދު ވިދާޅުވިއެވެ.
ބަންކަރިންގެ ހިދުމަތަށް ބޭނުންކުރާ ތެލުގެ 90 ޕަސަންޓު ތެލަކީ ރާއްޖެއަށް މުޅިން އަލަށް ގެންނަ ތެޔޮކަމަށާއި، އެ ހިދުމަތް ފެށި ފަހުން ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ރާއްޖެއަށް އަލަށް އެތެރެކޮށް ވިއްކަން ފެށި، ލޯ ސަލްފަ އޮއިލް ކަމަަށް ސައީދު ވިދާޅުވިއެވެ.
އެސްޓީއޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބަންކަރިންގެ ތެރެއިން ވިއްކި ތެލުގެ މިންވަރު މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާ އިރު 18 މިލިޔަން ލީޓަރު އިތުރެވެ.
ބަންކަރިން ހިދުމަތަކީ ރާއްޖޭގެ އިގުތިޞާދު ސިންދަފާތުކޮށް ރާއްޖެއަށް ވަންނަ އާމްދަނީ އިތުރުކުރުމަށް 2024 ގެ ސެޕްޓެމްބަރު މަހު ފެށި ހިދުމަތަކެވެ.

