އެމަނިކުފާނު ހުންނެވީ، ރައީސް ޑރ.މުހައްމަދު މުއިއްޒުއާއެކު ރައްޔިތުންގެ ފަޅީގައި ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައި ވަނީ، މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އ.އ ހިމަންދޫން ޕީއެންސީގެ ކެންޑިޑޭޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް މިރޭ އެ ޕާޓީން ކުރިއަށް ގެންދާ ހަރުގެ ޖަލްސާގައި ދެއްކެވި ވާހަކައިގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ލ.ފޮނަދޫ ދާއިރާގެ މެމްބަރު، އަބްދުުއްރަހީމް ވިދާޅުވީ، ޕީއެންސީ އަކީ ރައްޔިތުންގެ ފަޅި ކަމަށާއި، އެ ފަޅި ބަލި ނުކުރެވޭނެ ކަމަށެވެ.
މި ރާއްޖޭގައި ގައުމީ އެއްބައިވަންތަކަމުގެ މަރުކަޒަކަށް މިވަގުތު ހުރީ ޕީއެންސީގެ ހަރުގެ ކަމަށާއި، ގައުމުގެ ކަންކަމާމެދު މަޝްވަރާ ކުރަންވީ އެތަނުގައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
”އަޅުގަނޑުމެން އަމިއްލަ މަސްލަހަތަށްވުރެ އިސް ކުރާނީ، ގައުމުގެ ލާބައާ މަންފާ.“ އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ 2028 ވަނަ އަހަރުގައި، މި ގައުމުގައި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ ރައީސް މުއިއްޒު ކަމަށާއި، ދެވަނަ ދައުރެއް ކާމިޔާބު ކުރައްވަވާ ފުރަތަމަ ވެރިޔަކަށް އެމަނިކުފާނު ވެވަޑައިގަންނަވާނެ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒުވަނީ ދިވެހި ގައުމުގެ އިސްތިގުލާލު ދަމަހައްޓައި، މިނިވަންކަމުގެ ރޮނގު ރަތްކުލައިން ފަވާލައިފައި ކަމަށެވެ. ރައީސް މުއިއްޒަށް ދެވަނަ ދައުރަކަށް އިންތިހާބު ކުރަންޖެހެނީ އެ ސަބަބުތަކަށްޓަކައިކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
”އިރާދަކުރެއްވިއްޔާ ﷲ ސުބުހާނޫ ވަތައާލާގެ ހެޔޮ ރަހުމަތްފުޅުން 2028 ވަނަ އަހަރު މި ގައުމުގައި ބޭއްވޭ ރިޔާސީ އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު،“ އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ދެވަނަ ދައުރަކަށް އިންތިހާބުވަނީ ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު ކަމަށާއި އެކަމަށް ޝައްކުކޮށްގެން ނުވާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

