ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަކީ މީޑިއާ އާއި ޑިމޮކްރަސީއާ ބީރައްޓެހި ބޭފުޅެއްގެ ގޮތުގައި ސިފަކުރަން ވާދަވެރި ސިޔާސީ ޕާޓީތަކުންނާއި މި ސަރުކާރާ ކަނޑައެޅިގެން ދެކޮޅުކަމަށް ބުނެފައިވާ ބައެއް މީޑިއާތަކުން ކުރާ މަސައްކަތަކީ ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ކުރާ ހީލަތްތެރި ފިތުނަވެރި މަސައްކަތެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް އެކްސްގައި މިއަދު ވިދާޅުވީ، ރައީސް މުއިއްޒު މަސައްކަތްކުރައްވަނީ މީޑިއާތަކާ ވަރަށް ގާތުން ކަމަށެވެ. އެގޮތުން އެމަނިކުފާނު ކޮންމެ ހަފްތާއަކު އެއްދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

”މީޑިއާތައް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދެއްވަންޖެހޭ މައުލޫމާތުތައް އެބަ ޙިއްސާކުރައްވާ. މިނިވަން ނޫސްވެރިކަމަށް ދެއްވަންޖެހޭ ޖާގަ އެބަދެއްވާ.“ އޭނާ ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް އަދަދު ނޫހުން ހެދި ޑޮކިއުމެންޓްރީއަކާ ގުޅުވައި، އެ ނޫހުގެ ނޫސްވެރިޔަކު އިއްޔެ ރައީސް އޮފީހުގައި، ރައީސްއާ ސުވާލު ކުރީ ކްރިމިނަލް ކޯޓުން، އެ މައްސަލައާ ގުޅިގެން ނެރުނު އަމުރާ ހިލާފަށެވެ.

އެކަމަށް އިޝާރާތް ކުރައްވައި ޝިޔާމް ވިދާޅުވީ، ޝަރުއީ ކޯޓުތަކުން ކުރާ އަމުރުތަކަށް ތަބާވުމާއި، އަދި ވަކިން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެ އަމުރުތަކަށް ގޮންޖަހައި މަސައްކަތްކުރުމުގެ ޖާގަ ނުދީ ގާނޫނުގެ ވެރިކަން ނެގެހެއްޓުމަކީވެސް ރައީސްގެ މަސްއޫލިއްޔަތެއް ކަމަށާއި، އެމަނިކުފާނު އަދާކުރެއްވީ އެ ޒިންމާ ކަމަށެވެ.

މިނިވަން ނޫސްވެރިކަމުގެ ނަމުގައި މީހުންގެ އަބުރު ނަގާލާ، ކޯޓުތަކުން ކުރާ އަމުރުތަކަށް ގޮންޖަހާ ހިތުހުރި ގޮތަކަށް ނޫސްވެރިން އަމަލުކުރުމަކީ ޑިމޮކްރަސީއެއް ނޫން ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުންތަކަކީ އެއްވެސް ހަގީގަތެއް ނެތް ކަންތައްތަކެއްގެ މައްޗަށް އެމަނިކުފާނަށް ޒާތީގޮތުން ފުރައްސާރަކުރަން ލިބޭ ފުރުސަތެއްގެ ގޮތުގައި ބައެއް ނޫސްވެރިން ގަބޫލުކުރާކަމީ އެ ”ނޫސްވެރިން“ ނޫސްވެރިކަމުގެ އަހުލާގީ ހަމަތަކާއި އަސާސްތަކާ ހިލާފަށް ކުރާ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ”އަދަދު“ ނޫހުގެ ނޫސްވެރިޔާގެ ފަރާތުން ފެނުނީ މި އަސާސްތަކާ ހިލާފަށްކުރި ދަށުދަރަޖައިގެ އަމަލެއް ނޫސްވެރިކަމުގެ ތޮފި އަޅައިގެން ބައެއް ނޫސްވެރިން ކުރާ މިފަދަ ޒިންމާދާރުކަން ކުޑަ، ހުތުރު އަމަލުތަކަކީ ހަމައާއި އުސޫލުގެ މަތިން މަސައްކަތްކުރާ ޒިންމާދާރު ނޫސްވެރިންގެ މަސައްކަތަށްވެސް އެޅޭ ހުރަހެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުން އަބަދުވެސް ޒިންމާދާރު ނޫސްވެރިކަމަށް މަރުހަބާ ކިޔާނެ ކަމަށާއި، އެމަނިކުފާނަކީ ފަސްޖެހިވަޑައިގަތުމެއް ނެތި ގާނޫނުގެ ވެރިކަން ނަގަހައްޓާނެ ޒިންމާދާރު، ރައްޔިތުންނަށް އިހުލާސްތެރި ވެރިއެއް ކަމަށެވެ.