ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި ރައްކާތެރިކަން އަލުން މުރާޖައާ ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް މިރޭ ވިދާޅުވެއްޖެއެވެ.
ކުރިން ވެރިކަން ކުރެއްވި ރައީސް މުހައްމަދު ނަޝީދާއި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވަނީ، ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދިފާއުގައި ކަމަށް ވިދާޅުވެ، އެކުގައި މަސައްކަތް ކުރެއްވުމަށް ނިންމަވައި ބަޔާނެއްގައި ސޮއި ކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމަށްފަހުގައި ތިން ބޭފުޅުން ވަނީ މަގުމަތީގައި ކުރަމުންދިޔަ މުޒާހަރާގެ އިސް ސަފުގައި ހިންގަވައިފައެވެ. ތިން ރައީސުންގެ ބައްދަލުވުމުގައި، ކުރީގެ ރައީސް ޔާމީން ވަނީ، އެ ބޭފުޅުން އެކުގައި، ކުރިއަށް އޮތްތަނުގައި ކުރެވޭ މުޒާހަރާތަކުން ވެސް ފެނިގެންދާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން، މުހައްމަދު އިސްމާއީލް ”އެކްސް“ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ކުރީގެ ރައީސުންނަށް ދައުލަތުންދޭ އިނާޔަތާ ސަލާމަތާ ރައްކާތެރިކަން ދެއްވަނީ ދައުލަތުގެ އެންމެމަތީ ވެރިޔާގެ މަގާމު އަދާކޮށްދެއްވައިފައިވާތީ، ޝަރަފުވެރިކަމާއެކު ދިރިއުޅެވޭ ނެގޮތް ތަނަވަސް ކޮށްދިނުމުގެ ގޮތުން ކަމަށް ގާނޫނުން ފެންނަން އޮތް ކަމުގައެވެ.
”އެހެނަސް ފެންނަމުން މިދަނީ އާންމު އިޖުތިމާއީ މިންގަޑުތަކާ ހިލާފަށް ތަކުރާރުކޮން އެކިއެކި ސިފަސިފައިގައި ރައްޔިތުންގެ ތެރެއިން މަދު ބަޔަކު މާލޭގެ މަގުތަކަށްނެރެ، ބައިބައިކޮށް ފިތުނަވެރި ކުރުވަން މަސައްކަތްކުރާތަން.“ އޭނާ ވިދާޅުވިއެވެ.
މުހައްމަދު ވިދާޅުވީ، ކުރީގެ ރައީސުންގެ ކިބައިން ފެންނަމުންދާ މި ކަންކަން ބަލައި ނުގަނެވޭނެ ކަމަށާއި، މުޖުތަމައުގެ އިޖުތިމާއީ އަދާލަތު ނަގަހައްޓާ ދެމެހެއްޓުމަކީ އެންމެންގެ މައްޗައް އޮތް ޒިންމާއެއް ކަމުގައެވެ. އެހެންވެ، ކުރީގެ ރައީސުންނަށްދޭ އިނާޔަތާ ރައްކާތެރިކަން އަލުން މުރާޖައާ ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

