2021 ވަނަ އަހަރު ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ދިވެހި ސަރުކާރުން ވިއްކާފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު އެއްކޮށް ދައްކައި ހަލާސްކޮށް، އިންޑިއާއަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ދެއްކުމަކީ އާދައިގެ ކާމިޔާބީއެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ އޯގަސްޓުމަހުގައި ބުނިގޮތުގައި، މި ފައިސާ ދެއްކުމުގައި ބޭނުންކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާއެވެ.

ސުކޫކަށް ދައްކަންޖެހޭ އަސްލު އަދަދު ކަމަށްވާ 500 މިލިއަން ޑޮލަރާއި، އޭގެ ފައިދާގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިއަން ޑޮލަރާއެކު ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން މިހާރު ވަނީ ދައްކާފައެވެ. މިއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ނުވަތަ ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނީގެ މިންވަރު ކުޑަވެގެންދާނެ ކަމެކެވެ.

އެމްޕީ އަޒާން މިރޭ ”އެކްސް“ގައި ވިދާޅުވީ، މިއީ އާދައިގެ ކަމެއްކަމަށް ބުނެ، ރާއްޖެ މީގެ ކުރިން ”ޑިފޯލްޓް“އަކަށް ނުދާ ކަމަށް ބައެއް ފަރާތްތަކުން ބުނެފާނެ ކަމަށެވެ. އެއީ ތެދެއް ކަމުގައި ވިޔަސް، މިފަދަ އިގްތިސާދީ ހާލަތެެއްގައި އޮވެ، ރާއްޖެއިން މީގެ ކުރިން މިހާ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާކަން އަޒާން ފާހަގަކުރެއްވިއެވެ.

މިފަދަ ހާލަތްތަކުގައި އެހެން ގައުމުތަކުން އުޅުނު ހާލު ފެނިފައިވާ ކަމަށާއި، ރާއްޖެއިން ވަނީ އެފަދަ މާލީ ކްރައިސިސްއަކަށް ނުގޮސް، ސަލާމަތްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަޒާން ވިދާޅުވީ މިނިވަން ގައުމަކަށް މިއީ މުހިންމު ކަމެއް ކަމަށެވެ.