ތިން ރައީސުންގެ ތާއީދާއެކު 62 ވޯޓުގެ ތަފާތަކީ އުއްމީދީ ނަތީޖާއެއް ކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިފަދައިން ވިދާޅުވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސާދިގު (ސޯބެ) ކާމިޔާބުކުރެެއްވުމާ ގުޅިގެންނެވެ.
ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި ސާދިގު މި ގޮނޑި ކާމިޔާބުކުރެއްވީ ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް އަހުމަދު ސައީދާ ވާދަކޮށް ވަރަށް ކުޑަ ތަފާތަކުންނެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ސައީދަށް ލިބިވަޑައިގަތީ 1313 ވޯޓެވެ. ސޯބެއަށް ލިބިފައި ވަނީ 1375 ވޯޓެވެ. ސާދިގަށް ކާމިޔާބު ލިބިވަޑައިގަތީ 62 ވޯޓުގެ ތަފާތަކުންނެވެ.
މިއަދުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބޭ 4121 މީހުންގެ ތެރެއިން 66.2 ޕަސެންޓު މީހުން ވަނީ ވޯޓު ލައިފަ އެވެ. އެއީ 2730 މީހުންނެވެ.
ހީނާ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕީއެންސީ ދާނީ ހިތްވަރާއެކު ކުރިއަށް ކަމަށާއި، ސޯބެއަށް މަރުހަބާ ދަންނަވާ ކަމަށެވެ.
”ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ސައީދު އާއި ޕީއެންސީގެ މުޅި ޓީމްގެ މަސައްކަތަށް އައްސަރިބަހާއި ސާބަސް. އައްޑޫގައި ބެހެއްޓުނު ފޮށިތަކުން ސައީދަށް ކުރި ލިބުނު.“ ހީނާ ވިދާޅުވިއެވެ.
މި ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްޤު ޖުމްލަ 4,121 މީހުންނަށް ލިބިގެންވެއެވެ.

