ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ) ބައިބައި ކުރުމަށް ފާޑުފާޑުގެ ވާހަކަ ދައްކަވާނެ ކަމެއް ނެތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ކުރީގެ ރައީސް، އަދި އެމްޑީޕީގެ ޗެެއާޕާސަން މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.
ޕީއެންސީ ބައިބައި ވެފައިވާ ކަމަށާއި، މިއީ ރައީސް ޑރ.މުހައްމަދު މުއިއްޒު އެ ޕާޓީގެ ލީޑަރޝިޕުން ދުރު ކުރަންވީ ވަގުތު ކަމަށް ނަޝީދު ވިދާޅުވުމާ ގުޅިގެން، ”އެކްސް“ގައި ނަޝީދަށް ރައްދު ދެއްވައި އަބްދުއްރަހީމް މިރޭ ވިދާޅުވީ، ބަޔަކު ދައްކާހާ ވާހަކައަކަށް ޕީއެންސީ ނުގުޑާނެ ކަމަށެވެ.
”ޕީއެންސީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ. އެންމެ ބަދަހި ޕާޓީ. ބިނާކުރަނިވި ފިކުރުގެ ޕާޓީ. މި ޕާޓީއިން އަބަދުވެސް އިސްކުރާނީ ދިވެހީންނާ ދިވެހީންގެ ގައުމު.“ އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމްގެ ޕޯސްޓުގައި ވަނީ މުޅި ޕީއެންސީ އޮތީ ރައީސް މުއިއްޒުއާއެކު ގަދަކޮށް ކަމަށް ވިދާޅުވަމުން ގެންދަވާ ވާހަކަ ވެސް ތަކުރާރު ކުރައްވައިފައެވެ.
މީގެ ކުރިން ވެސް އަބްދުއްރަހީމް ވަނީ ޕީއެންސީ ބައިބައި ކުރުމަށް ވާދަވެރިން ކުރަމުން ގެންދާ މަސައްކަތްތައް ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވެ، ގައުމީ ފިކުރުގައި އެ ޕާޓީން ކުރާ މަސައްކަތްތައް ހަލުވި ކަމާއެކު ދާނީ ކުރިއަށް ކަމަށް ވިދާޅުވެފައެވެ. އަދި އިދިކޮޅު ފަރާތްތަކުން ދައްކާ ހަގީގަތެއް ނެތް ވާހަކަތަކުގައި ނުޖެހުމަށް ވެސް ޕީއެންސީއަށް ތާއީދު ކުރާ ފަރާތްތަކަށް އަބްދުއްރަހީމް ގޮވައިލައްވައިފައިވެއެވެ.

