އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ.

ފައިސަލް މިކަން ހާމަ ކުރައްވައިފައި ވަނީ، އަދަދު ނޫހުގެ ”އެތެރެފުށް“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

ފައިސަލް ވިދާޅުވީ ގައުމާ ދޭތެރޭގައި ދެކޭ އުއްމީދުތަކެއް އެބަހުރި ކަމަށާއި ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ނެތޭ ބުނުމުން އެކަން ގަބޫލުކުރާނެ ބަޔަކު ނުތިބޭނެ ކަމަށެވެ.

”އެ ޝައުގުވެރިކަން އެބަ އޮތޭ، އެ އުއްމީދު އެބަ އޮތޭ، އެ މަސައްކަތް އެގޮތަށް އެބަ ކުރެވޭ،“ ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮވެގެން، ރައްޔިތުންގެ ކައިރީގައި ދައްކާ ވާހަކަތައް އެ މީހުންނަށް ފުއްދައިދޭން ޕާޓީގެ ތެރެއިން އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަކީ ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމެއް ކަމަށާއި، އެކުގައި އަޅުގަނޑުމެންނަށް 2028 ކާމިޔާބު ކުރެވޭނެ ކޮންމެ ގޮތަކީ އެއީ ކަމަށެވެ.

ރިޔާސީ ޕްރައިމަރީއެއް ނިކުންނަ ކޮންމެ މީހަކަށް ވެސް ގޮންޖެހުންތަކެއް ހުންނާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.

ނަމަވެސް މުޅި އެމްޑީޕީ އެކުގައި މަސައްކަތް ކޮށްފިނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ވުމުގެ ފުރުސަތު ބޮޑު ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވެސް ޝައުގުވެރިކަން ފާޅު ކުރައްވައިފައިވާއިރު، އެމްޑީޕީގެ ޗެއާޕާސަން ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވަނީ ވެސް ފައްޔާޒަށެވެ.