ސްކޫލް ދަރިވަރުންނަށް އަނެއްކާވެސް ޗުއްޓީއެއް ބައްދަލު ކުރަން ކައިރިވެފައިވާއިރު، ތޮއްޖެހިފައިވާ މާލެ ސަރަހައްދުގައި ދިރިއުޅޭ ކުދިންނަށް މި ދުވަސްތައް އެންމެ އެދެވޭ ގޮތުގައި ބޭނުން ކުރުން ވަނީ ދަތި ކަމަކަށް ވެފައެވެ.
މާލޭގައި ގުދުރަތީ، ހިތްފަސޭހަ މާހައުލުތައް މަދުވުމާއެކު، ދަރިން އަބަދު ގޭގައި ޓީވީ ނުވަތަ ކޮންމެވެސް އެހެން ޑިވައިސްއެއްގެ ސްކްރީނަކަށް ގެއްލިފައި ތިބެ، ޗުއްޓީގެ ދުވަސްތައް ނަގައިލެވުމަކީ އާއްމު ކަމަކަށް ވަނީ ވެފައެވެ. މިއީ ބެލެނިވެރިންގެ ބޮޑު ކަންބޮޑުވުމެއް ވެސް މެއެވެ.
އެހެންވެ، ޗުއްޓީގައި ދަރިވަރުންނަށް މުސްތަގްބަލުގައި ފައިދާ ކުރާނެ ކަމެއް ދަސްކޮށްދެވުމަކީ ބެލެނިވެރިންގެ ހިތްތަކަށް ތަސައްލީއެއް ލިބިގެންދާނެ ކަމެއްކަން ޔަގީނެވެ. އެގޮތުން، މި އަންނަ ޗުއްޓީގައި މާލެއިން ބޭރަށް ނުދާ ކުދިންނަށް ވަަރަށް ރަނގަޅު ފުުރުސަތެއް، ހުޅުމާލެ ފޭސް2ގައި ހުންނަ ”ކިޑްސް ޒޯން 3“ އިން ”ސަމާގެ ވިޔުން“ އާއި ގުޅިގެން މިވަނީ ހުޅުވައިލައިފައެވެ.
އެއީ ”ކްރޯޝޭ“ ނުވަތަ ވޫލުން ވިޔުމުގެ މަސައްކަތް ދަސް ކުރަން ޝައުގު ހުންނަ ކުދިންނަށް ކުރިއަށް ގެންދާ ހާއްސަ ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތެވެ. މިއީ މި މަސައްކަތް އުނގެނެން އެދޭ ދަރިވަރުންނަށް ހަމަ ޔަގީނުން ވެސް ރަނުގެ ފުރުސަތަކަށް ވެގެންދާނެއެވެ.


ވޫލުން ވިޔުމަކީ ފަންނުވެރި އަދި އެހައިމެ ކަވި މަސައްކަތެކެވެ. މި މަސައްކަތް އުނގެނިގެން ރަނގަޅު އާމްދަނީއެއް ހޯދާ އެކި އުމުރު ފުރައިގެ މީހުން ރާއްޖޭގައި ވެސް އަންނަނީ ގިނަ ވަމުންނެވެ. ވޫލުން އުފައްދާ ތަކެތި ބޭނުން ކުރުމަކީ ވެސް ޓްރެންޑަކަށް ވަނީ ވެފައެވެ.
ކުޑަކުދިންގެ ކުޅޭ ސާމާނާއި، އަންނައުނާއި، ބޫޓު ވެސް ”ކްރޯޝޭ“ގެ ތެރެއިން އުފައްދައި، އެކި ޕޭޖުތަކުން އެބަ ވިއްކައެވެ. މީހުންނަށް ކަމުދާ މިފަދަ އުފެއްދުންތައް އަމިއްލައަށް ތައްޔާރު ކޮށްލުމަކީ ގޭގައި އިނދެގެން ކުރަން ވަރަށް ރަނގަޅު މަސައްކަތެކެވެ.

ކިޑްސް ޒޯން 3 ގައި މި މަސައްކަތް އުނގަންނައިދޭ މަރިޔަމް ސަމާ ހާލިދު ބުނީ، މިއީ އަތާއި ލޮލުގެ ކޯޑިނޭޝަނާއެކު ކުރާ ވަަރަށް ކަވި މަސައްކަތަކަށް ވުމުން، މި ކަމަށް ކުދިންގެ ޝައުގުވެރިކަން އުފެދުމުން، އެ ކުދިން ސްކްރީނާ ދުރުވާ ކަމަށެވެ. އަދި ކަންކަަމަށް ސަމާލުކަން ދިނުމަށް، މިކަމުގެ ތެރެއިން އެ ކުދިންނަށް ދަސްވާނެކަން ވެސް އޭނާ ފާހަގަކުރިއެވެ.
”ކޯހުގައި ބައިވެރިވެ، މަސައްކަތް ދަސް ވުމުން، ކުދިން ގެއަށް ގޮސް ވެސް، ޓީވީ ބެލުމުގެ ބަދަލުގައި މިކަން އެބަ ކުރޭ.“ އޭނާ ބުންޏެވެ.

”ކިޑްސް ޒޯން 3“ ގައި މި މަހުގެ 18 ވަނަ ދުވަހު ފަށާ ކޯހުގައި ބައިވެރިވެވެނީ އުމުރުން 8 އަހަރުން ފެށިގެން 16 އަހަރުގެ ކުދިންނަށެވެ.
ކޯހުގެ ބައިވެރިންނަށް ބޭނުންވާ ހުރިހާ މެޓީރިއަލްއެއް ވެސް ކްލާހުން ލިބެން ހުންނާނެއެވެ. މިއީ މި ކޯހުގެ ބެޗު 15 އަދި 16 އެވެ.


10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި 3 އުފެއްދުމެއް އަމިއްލައަށް ތައްޔާރު ކޮށްލަން ކުދިންނަށް ދަސްކޮށްދެވޭނެއެވެ. އެއީ ޓޯއީއަކާއި، ދަބަހަކާއި، ޒުވާން ފުރައިގެ ކުދިންގެ މެދުގައި މަގުބޫލު ކީ ޗޭންއެކެވެ.

ކޯހުގައި ބޭނުންކުރާ މެޓީރިއަލްތައް ގެއަށް ގޮސްގެން ވެސް ދަރިވަރުންނަށް އަމިއްލައަށް އުނގެނުމަށް މަސައްކަތް ކުރެވޭނެއެވެ. ސަމާ ބުނީ، އޭނާ މި މަސައްކަތް ކުރަމުން އަންނަތާ 11 އަހަރުވެފައިވާއިރު، މިކަން އުނގަންނައިދެމުން އަންނަތާ 2 އަހަރުވެފައިވާ ކަމަށެވެ.

ކޯހުގެ ބައިވެރިންނަށް އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ދަސްކޮށްދެނީ ”ފްރީ ހޭންޑް“ ކުރުމަށެވެ.
އެއީ އަމިއްލަ ހިޔާލަށް އަންނަ އެއްޗެއް ވޫލުން ވުޖޫދު ކުރުމަށް ދަސްކޮށްދިނުމެވެ. މިއީ ކުދިންގެ ފަންނުވެރިކަން ވަރަށް ބޮޑަށް ކުރިއަރުވައިދޭނެ ކަމެއް ކަމަށް ސަމާ ބުނެއެވެ.

މި ކޯހުގެ ފީ އަކީ އެންމެ 1800 ރުފިޔާއެވެ. ކޯހާ ގުޅޭ އިތުރު މައުލޫމާތު ސާފުކޮށްލުމަށް ”ކިޑްސް ޒޯން އެމްވީ“ ގެ ޕޭޖަށް ނުވަތަ ”ސަމާގެ ވިޔުން“ ޕޭޖަށް ވެސް މެސެޖު ކޮށްލެވިދާނެއެވެ. ނޫންނަމަ، 9146969 އަށް ގުޅައިލާށެވެ.

