އިގްތިސާދީ ދަތިތަކާއިއެކު ވެސް، ސަރުކާރުން ރައްޔިތުން ބޭނުންތައް ފުއްދައިދިނުމަކީ، ހެޔޮ ވެރިކަމެއް ކުރަމުން އަންނަ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، ވެރިރަށް މާލޭގެ ބޮޑު ތަކުރުފާނު މަގުން، ޒަމާނީ ފެންވަރަށް ތަރައްގީ ކުރި ބައި އާއްމުންނަށް ހުޅުވައިލުމާ ގުޅިގެންނެވެ.
ސޯޝަލް މީޑިއާގައި ހުވަދޫ ބަހުން ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ، މާލޭ ސިޓީގެ ބޮޑު ތަކުރުފާނު މަގަށް ގެނެސްފައިވާ ތަރައްގީ އަކީ މާލެ ސިޓީއަށް ލަފާ ފުރާ ފަރާތްތަކާއި، މާލޭ ސިޓީގެ ޓްރެފިކަށް ބޮޑު ލުއިތަކެއް ލިބި، މާލޭގެ މަލަމައްޗަށް ތާރީހީ ބަދަލެއް ގެންނާނެ މުހިންމު މަޝްރޫއުއެއް ކަމަށެވެ.
”ރައްޔިތުނެ ބޭނުންވެގޮހޯ ތެއި މިކަހަލެއި މުހިންމު ތަރައްގީގެ މަޝްރޫއުތަކާއިއެކު ގައުމާ ބިނާކެރަނެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެނެ އިސްކަމާއި އަހަންމިއްޔަތަޓެ އެމަނިކުފާނަޓެ ޝުކުރެ އަދާކެރަން.“ އެމަނިކުފާނު ވިދާޅުވިއެވެ.
އިގްތިސާދީ ދަތިތަކާއިއެކުއަސް، ސަރުކާރުން ރައްޔިތުންގެ ބޭނުންތައް ފުއްދައި ދިނުމަކީ، ހެޔޮ ވެރިކަމެއް ކުރަމުން އަންނަ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.
ބޮޑުތަކުރުފާނު މަގުގެ ތަރައްގީކުރި ބައި އާންމު ދަތުރުފަތުރަށް ހުޅުވާލާފައިވަނީ މިއަދު 4:00 ގައެވެ.

