ރ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި ހިމެނޭ ތިން މީހުން ހައްޔަރުކޮށްފިއެވެ.

Advertisement
Advertise with us

އެ މީހުން މިމަހުގެ 15 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ރ. މާކުރަތު ޕޮލިހާއި، އުނގޫފާރު ޕޮލިހާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ މުޅިންވެސް ރ. މާކުރަތު މީހުންނެވެ. އެއީ އެރަށު މަލަ، ޠަލްޙަތު ނަސީމް (40އ) އާއި، ފަލަކު، އަހްމަދު ޝާފިއު (23އ)ގެ އިތުރުން ބަނބުކެޔޮގަސްދޮށުގެ، އިސްމާއީލް ރަޝީދު (46އ) އެވެ.

ފުލުހުން ބުނީ ޑިންގީއެއްގައި މާކުރަތަށް ފޭބި އެ ތިން މީހުން، ބަނދަރު ސަރަަހައްދުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 104 ގުރާމެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތަލްހަތު ނަސީމް 10 ދުވަހަށް އަދި އަޙްމަދު ޝާފިޢުއާއި އިސްމާޢީލް ރަޝީދު ހަތަރު ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.