ރާއްޖޭގެ އެންމެ އުތުރުގައި އޮތް އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ ”މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް“ ގެ ބިޔަ މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކޮށްފިއެވެ.

Advertisement
Advertise with us

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދިވެހި ސަރުކާރާއި، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އަދި އަބޫދާބީގެ ސާހް ގުރޫޕް ފޯ ޓެކްނިކަލް ސާވިސަސް (ސާހް ގުރޫޕް) އާ ދެމެދުއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ސާހް ގުރޫޕުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު، ޕޯޓް އެންޑް އިންޑަސްޓްރިއަލް ސިޓީ ޑިވެލޮޕްމަންޓް އަހުމަދު އިބްރާހިމް އަލީ މުހައްމަދު އަލްމުތާވާ އަދި އެސްޓީއޯއިން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދެވެ.

ރާއްޖޭގެ އިގްތިސާދީ މުސްތަގުބަލަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ ކަމަށް ބެލެވޭ މި މަޝްރޫއުގެ ދަށުން، އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ފެންވަރުގެ މެރިޓައިމް އަދި ލޮޖިސްޓިކްސް ހަބެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ބަންކަރިންގްގެ ހިދުމަތްތަކާއި، ކާގޯ ޓްރާންސްޝިޕްމަންޓްގެ މަސައްކަތްތައް ފުޅާކޮށް، ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމަށް މި މަޝްރޫއު މެދުވެރިވެގެންދާނެ ކަމަށް ސަރުކާރުން މައުލޫމާތުދެއެވެ.

ބައިނަލްއަގުވާމީ ކަނޑުގެ ދަތުރުފަތުރުގެ މައި މަގެއް ކަމަށްވާ 8-ޑިގްރީ ޗެނަލާ ކައިރީގައި އިހަވަންދިއްޕޮޅު އޮތުމަކީ، މެރިޓައިމް އަދި ލޮޖިސްޓިކްސް ވިޔަފާރިތަކަށް ރާއްޖޭގެ އިސްތިރާޖީ (ސްޓްރެޓީޖިކް) މުހިންމުކަމުގެ ފައިދާ އެންމެ ފުރިހަމައަށް ހޯދުމަށް އޮތް އެންމެ އެކަށޭނެ ފުރުސަތެވެ. މި މަޝްރޫއު ހިންގާ ސާހް ގްރޫޕަކީ 1976 ވަނަ އަހަރުން ފެށިގެން މެރިޓައިމް، އެނާޖީ އަދި ލޮޖިސްޓިކްސްގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ.

މި އެއްބަސްވުމުގެ ދަށުން، މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.