ރައީސް ޑރ.މުހައްމަދު މުއިއްޒު އިދިކޮޅު ފަރާތްތައް ސިއްސުވާލައި ދަރަނީގެ ދަންތުރައިން ދިވެހި ރައްޔިތުން ސަލާމަތްކުރައްވައިފައިވާ ކަަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި މިނިސްޓަރު ލިޔުއްވި ގޮތުގައި، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިއަދަށް ތިން އަހަރުވީއިރު، މީގެ ކުރިން ގައުމުގެ ކަންކަން އޮތީ އިޖުތިމާޢީ، ޢިޤްތިޞާދީ އަދި މާލީ ގޮތުންވެސް ވަރަށް ދަތި އުނދަގޫ ހާލަތެއްގައި ކަމަށެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި، ގައުމުގެ އިޖުތިމާއީ ފޭރާން އޮތީ ވީދިފައެވެ. އަދި ގައުމުގެ މާލީ ހާލަތު އޮތީ ދަރަނީގެ ދަންތުރައިގައި ޖެހި ސަލާމަތްކުރަން އުނދަގޫ އަނދަވަޅަކަށް ވެއްޓިފައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، އޭރު ވަނީ ފެއިލްވެފައިވާ ސިޔާސަތުތަކުގެ ސަބަބުން ގައުމުގެ ސިޔާސީ ހަމަޖެހުން މުޅިންހެން ގެއްލިފައެވެ.
އަދި މިއީ އެ ދުވަހުގެ ހާލަތު ނަމަވެސް ރައީސްގެ ދުރުވިސްނޭ ސިޔާސަތުތަކާއެކު އެމަނިކުފާނު މިއަދު މިވަނީ އެދުވަހުގެ ހާލަތު ވަރަށް ބޮޑުތަނުން ރަނގަޅު ކުރައްވައިފައިކަން ޝިޔާމް ފާހަގަކުރެއްވިއެވެ.
”އިޖުތިމާއީ ގޮތުން ދުޅަހެޔޮ އާދަތައް މުޖުތަމަޢުގައި އަށަގެންނެވުމަށްޓަކައި ގައުމީ ފެންވަރުގައި ކާމިޔާބު މަސައްކަތްޕުޅުތަކެއް ދަނީ ކުރައްވަމުންނެވެ. ގައުމުގައި ސިޔާސީ ހަމަޖެހުން ގާއިމު ކުރައްވައިފިއެވެ.“ ޝިޔާމް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އިގްތިސާދަކީ ރައްޔިތުން އުންމީދުކުރާ ފަދަ ފުދުންތެރި އިގްތިސާދަކަށް ހެއްދެވުމަށްޓަކައި ބިޔަބޮޑެތި އިންވެސްޓްމަންޓްތަކަށް ފަހި މާހައުލެއް އުފައްދަވައިފައިވާއިރު، ރާއްޖޭގެ އިގްތިސާދީ ސިނާއަތްތަކަށް ކުރިމަތިވެފައިވާ ގޮންޖެެހުންތަކަށް ވަށާޖެހޭ ހައްލުތަކެއް ސަރުކާރުން ގެނެސްދެއްވަމުންދާކަން ޝިޔާމް ފާހަގަކުރެއްވިއެވެ.
”އެއްވެސް ޝައްކެއް ނެތް ގޮތެއްގައި ވެރިކަމުގެ ފުރަތަމަ 3 އަހަރު މިފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯއްދެވޭނީ ތެދުވެރި، އިހްލާސްތެރި، ކުޅަދާނަ ވެރިއަކަށެވެ. ރައީސް ޑރ. މުއިއްޒުގެ ބަސްފުޅާއި އަމަލުފުޅުން ފެނި ހާމަވެގެންމިދަނީ އެމަނިކުފާނަކީ ކާމިޔާބު ސިޔާސީ ލީޑަރެއްކަމެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 3 އަަހަރު ހޯއްދެވި ކާމިޔާބީއަކީ ދިވެހި ރައްޔިތުންގެ ކާމިޔާބީއެވެ. މި ގައުމުގެ ކާމިޔާބީއެވެ. ކާމިޔާބު ހަފްތާ 156 އަށް ރައީސް ޑރ. މުއިއްޒަށާއި ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް މަރުޙަބާ ދަންނަވަމެވެ. މާތް الله މި ދިވެހީންގެރާއްޖެ އަމާންކަމާއި ސުލްހަމަސަލަސްކަމުގައި އަބަދުމެ ލައްވާށި! އާމީން.“ ޝިޔާމްގެ ޕޯސްޓުގައިވެއެވެ.





