މަލަކީ އިންސާނުންނަށް އުފާވެރިކަން ގެނުވާ އެއްޗެއްކަން ގައިމެވެ. އެއީ ދެބަސް ވެވޭނެ ކަމެއް ނޫނެވެ. އެކި ކުލައިގެ މާތަކުން ޖަރީވެފައިވާ ބަގީޗާއަކުން އިންސާނެއްގެ ހިތަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ގެނުވައެވެ. ގުދުރަތީ މާމެލާމެލި ފެނުމަކީ މާތްﷲގެ ކުޅަދުއްވަންތަކަން ވެސް ހިތަށް ގެނުވާ ކަމެކެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އެތައް މިލިއަން މީހުން ކޮންމެ ދުވަހަކު އާއިލާގެ މެމްބަރުންނަށާއި، ގާތް އެކުވެރިންނަށް ހަދިޔާ ބަދިޔާ ބަދަލުކުރަމުންދާއިރު، އޭގެ ތެރެއިން ވެސް އެންމެ ހާއްސަ އެއް ހަދިޔާ އަކީ މާ ކަމުގައި ބުނެވިދާނެއެވެ. އެހެނީ، މަލަކީ އެ ލިބިގަންނަ މީހާގެ މޫނު މައްޗަށް ހަގީގީ އުފާވެރިކަން ގެނެސްދޭ އެއްޗަކަށް ވުމުންނެވެ.
ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި، ދުވަހުގެ ކުރީކޮޅު މާ ގަސްތަކަށް ބެލުމަކީ އެ ދުވަހުގެ މޫޑު ރަނގަޅު ކުރުމަށް އެހީ ވެދޭ ކަމެކެވެ. މިއީ ތިބާގެ މޫޑު ރަނގަޅު ކުރުމުގެ އިތުރުން، މަލުގައި ހިމެނޭ ރީތި ކުލަތަކާއި، އެއިން ދުވާ މީރު ވަހުން ހަކަތަވެސް އިތުރު ކޮށްދޭ ކަމެކެވެ.
ހާވާޑް ޔުނިވަރސިޓީ އިން ހެދި ދިރާސާއަކުން އެނގޭ ގޮތުގައި، ދުވަސް ފަށައިގަންނައިރު، މޫޑު ގޯސްވި ނަމަވެސް، މާ ގަސްތައް ނުވަތަ މާތަކެއް ފެނުނު މީހުން، މަލަށް ނުބަލާ މީހުންނާ އަޅާ ކިޔާއިރު، އެ މުޅި ދުވަހުގެ މޫޑު ރަނގަޅަށް ހުރުމުގެ ފުރުސަތު ބޮޑުކޮށްދެއެވެ.
އެނގޭހެއްޔެވެ؟ މަލަކީ ހަމައެކަނި ޒުވާނުންނަށް ހާއްސަ އެއްޗެއް ކަމުގައި ހީކުރެވުމަކީ ކުށްހީއެކެވެ. މިއީ އުމުރުން ދުވަސްވީ މީހުންނަށް ވެސް ވަރަށް ރަނގަޅު ހަދިޔާއެކެވެ.
އެއީ އެމީހުން ޑިޕްރެޝަނާއި ދުރުކޮށްދީ، ހަނދާންތައް ތާޒާ ކޮށްދީ، އިޖްތިމާއީ ގުޅުން ވަރުގަދަ ކުރުމަށް މަގުފަހި ކުރުވާ އެއްޗެއް ކަމަށް ރިސާޗުތަކުން އެނގެން އެބައޮތެވެ، އެހެންވެ، ތިބާގެ ކާފައަށް ނުވަތަ މާމައަށް ނުވަތަ އަވަށްޓެރި އިސްރަށްވެއްސަކަށް މާބޮނޑިއެއް ހަދިޔާކޮށްލަން ފަސް ނުޖެހޭށެވެ.
މަލުގެ ފައިދާތައް ލިބިގަތުމަށްޓަކައި ގޭގެ ގޯތިތެރެ، މާ ގަސްތަކުން ޒީނަތްތެރި ކުރެވޭތޯ ބެލުމަކީ މުހިންމު ކަމެކެވެ. ގޭގައި ގަސް އިންދެން ނެތްނަމަ، ޕޮޓުތަކުގައި ވެސް މާ ގަސް ހެއްދިދާނެއެވެ.





