އިސްލާމީ ހަމަތަކާ ހިލާފު އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމުގެ ޔަގީންކަން ރައީސް ޑރ.މުހައްމަދު މުއިއްޒު މިރޭ ދެއްވައިފިއެވެ.
ރައީސް މި ޔަގީންކަން ދެއްވީ، ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ދިވެހި ރައްޔިތުން ގަބޫލުކުރާ ދީނީ އަދި އިޖުތިމާއީ ހަމަތަކުން މި ސަރުކާރު ބޭރުނުވާނެ ކަމަށެވެ.
”އަޅުގަނޑުމެން އިސްލާމީ ހަމަތަކާ ހިލާފަށް. އެއްކަމެއް. އެއްކަމެއް މި ސަރުކާރަކުން އަޅުގަނޑު ހުރެގެން ނުކުރާނަން. އެއްވެސް ތާކު ނުކުރާނަން. އެ ޔަޤީންކަން އަޅުގަނޑު ހުރިހާ ރައްޔިތުންނަށް ދެން،“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް އިސްކަންދޭނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ގައުމުގެ ސިޔާދަތީ ބާރުތައް ދެމެހެއްޓުމުގައި މިހާތަނަށް ވެސް ސަރުކާރުން ސާބިތުކަމާއެކު ފިޔަވަޅުތައް އަޅާފައިވާނެ ކަމަށެވެ.
އަދި ރާއްޖެއަށް އިންވެސްޓްމަންޓްތައް ގެނައުމުގައި ވެސް ގައުމީ މަސްލަހަތު އިސްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
”އެއްވެސް އިންވެސްޓްމަންޓެއް ރާއްޖެއަކަށް ނާންނާނެ، އަޅުގަނޑުމެންގެ މިނިވަންކަމާއި އަޅުގަނޑުމެންގެ ސިޔާދަތަށް ބުރުއަރާނެ ލޮޅުން އަންނާނެ އެއްވެސްކަމެއް. އެހެންވީމާ، އެއީވެސް ދައްކާ ހަގީގަތެއް ނެތް ވާހަކައެއް،“ އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މީގެ ކުރިން ވެސް ވަނީ ރަސްމާލެ ތަރައްގީ ކުރުން ފަދަ މަޝްރޫއުތަކާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުންދިޔަ އެކި ވާހަކަތަކަށް ރައްދު ދެއްވައިފައެވެ.





