މިހާތަނަށް 4061 ޒުވާނުންނަށް އެކިކަހަލަ ލުއި ލޯނު ފެސިލިޓީ މި 3 އަހަރުތެރޭ ފޯރުކޮށްދެވިއްޖެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Advertisement
Advertise with us

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައްޔިތުންގެ ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ވޭތުވެދިޔަ އަހަރު ސަރުކާރުން ވެރިކަން ހިންގުމުގައި ހޯދި ކާމިޔާބީ ފާހަގަކުރުމަށްޓަކައި ބޭއްވި ހަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، އިގުތިސާދީ ގޮތުން ޒުވާނުން ބާރުވެރިކުރުމަށް އަމާޒުކޮށް ސަރުކާރުން ވޭތުވެދިޔަ 3 އަހަރު ތެރޭގައި ފައިނޭންސިން ފުރުސަތު ވަރަށް ލުއި ގޮތެއްގައި ފޯރުކޮށްދެވިފައިވާ ކަމުގައި ވިދާޅުވިއެވެ.

އެގޮތުން އަންހެން ވިޔަފާރިވެރީންނަށް ޚާއްސަ ފައިނޭންސިން، ކޮންޓެންޓް ކްރިއޭޓަރ ފައިނޭންސިން، ޒުވާން ވިޔަފާރިވެރިންނަށް ހާއްސަ ފައިނޭންސިން، ފަށާ މަދަދު ފައިނޭންސިން، ތިޖާރާ ރަށު ފަތުރު ފައިނޭންސިން ސްކީމް ފަދަ އެކިއެކި ފައިނޭންސިން ފުރުސަތުތަކުގެ ތެރެއިން އިޤުތިޞާދު ބިނާކުރުމުގައި ޒުވާނުންގެ ދައުރު ވަރަށް ބޮޑަށް ފުޅާކުރެވިފައިވާކަން ރައީސް ހާމަކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، މި ފުރުސަތުތަކުގެ އެހީގައި އެފަރާތްތަކުން އަމިއްލަ ކުދި ވިޔަފާރިތައް ފަށައިގެން، ނުވަތަ ފަށާފައިހުރި ވިޔަފާރިތައް ފުޅާކޮށް، ވަރުގަދަކުރަމުންދާ ކަމުގައި ރައީސް ވިދާޅުވިއެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ ސަރުކާރުން ވަރަށް އިސްކަންދެއްވާ ދާއިރާއެއް ކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި އިންޑިވިޑުއަލް ޕްރޮސްޕެރިޓީ ހޯދަދިނުމަކީ ނުވަތަ އާންމު ރައްޔިތުން މުއްސަނދިކޮށްދިނުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މީގެ އަހަރެއް ނުވަތަ ދޮޅު އަހަރެއް ކުރިން އެމް.އެސް.އެމް.އީ ސެކްޓަރއާ ބައްދަލުކުރި އިރުގައި އެފަރާތްތަކުން ހިއްސާކުރެއްވި ކަންކަން ތަންފީޒު ކުރައްވަމުން ގެންދަވާކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެސް.އެމް.އީ ސެކްޓަރއަށް ދިމާވެފައިވާ އެތައް ކަމެއް ޙައްލުކޮށްދެވިފައިވާ ކަމުގައި ވިދާޅުވިއެވެ. އެގޮތުން މުދާ ކްލިއަރ ކުރުމުގައި ދިމާވާ ލަސްތައް ޙައްލުކުރުމުގެ އިތުރުން އަންނަ ޖެނުއަރީ މަހުން ފެށިގެން ޤާނޫނުތަކާއި ގަވާއިދުތަކަށް ގެނެވޭ ބަދަލުތަކާއެކީގައި އެންމެ ކުދި – ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ބޭނުމަށް އެތެރެކުރާ ރޯމެޓީރިއަލް އައިޓަމްތަކުގެ ޑިއުޓީ، 1 ޖަނަވަރީ 2027 އިން ފެށިގެން %0 ރޭޓުގައި ނަގާ ގޮތަށް ހަމަޖެހިގެންދާނެ ކަމަށާއި ޖީއެސްޓީ ތްރެޝޯލްޑް، 1 ޖަނަވަރީ 2027 އިން ފެށިގެން 1.5 މިލިއަނަށް މަތިކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ބައިނަލްއަޤުވާމީ ޕޭމަންޓް ޕްލެޓްފޯމުތަކަށް ދޮރު ހުޅުވައިދެމުން ގެންދަވާ ކަމަށާއި އެގޮތުން ޕޭޕަލް ތަޢާރަފު ކުރެވިއްޖެ ކަމަށާއި އެއްކޮށް އަދި ފުޅާކުރެވެން ޖެހުނު ނަމަވެސް، ފުރަތަމަ ކަމަކަށް މިހާރު ތަޢާރަފު ކުރެވިއްޖެ ކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އެބޭންކުގެ އަމިއްލަ އެޕެއް ކަމުގައިވާ ސްވައިޕް މިހާރު ތަޢާރަފުކުރެވި ވަރަށް ފުޅާކުރެވިފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި ބީއެމްއެލްގެ ޑޮލަރ ޕޭމަންޓް ގޭޓްވޭވެސް މިހާރު ހުޅުވައިދެވިފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.