އުރީދޫ މޯލްޑިވްސް އިން މައިކްރޮސޮފްޓް އާއިއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ވިޔަފާރިތަކަށް ”މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ސޮލިއުޝަން“ އިއްޔެ ތައާރަފު ކޮށްފިއެވެ.

Ads by Asuru

މިއީ އުރީދޫ ގްރޫޕުން މައިކްރޮސޮފްޓާއެކު ކުރިއަށްގެންދާ ހަރުދަނާ ޕާޓްނާޝިޕްގެ ބޭނުން ހިފައި، އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދޭން ނިންމި މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސްގެ އޮފާއެކެވެ.

ޚަރަދު ކުޑަ ގޮތެއްގައި ވިޔަފާރިތައް ހިންގުމަށް ކުރަންޖެހޭ މުއާމަލާތްތަކާއި، މަސައްކަތްތައް ސްޓްރީމްލައިން ކުރެވޭ އެންޓަޕްރައިޒް ގްރޭޑްގެ ޕްރޮޑަކްޓިވިޓީ ޓޫލްސްގެ ފުރިހަމަ ސޫޓެކެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އުރީދޫގެ ބައިނަލްއަގްވާމީ ޕާޓްނާޝިޕްތަކުގެ ބޭނުން ހިފައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މުޖުތަމައުތަކުގެ ދިރިއުޅުން އަޕްގްރޭޑްކޮށް އައު ފުރުސަތުތަކާއި ގުޅުވާލަ ދިނުމަށް ކަމަށެވެ.

މައިކްރޮސޮފްޓާއެކު ވެފައިވާ ޕާޓްނާޝިޕަކީ ދެމެހެއްޓެނިވި ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާ ކުރުމަށް ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބޭ ޕާޓްނަޝިޕެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

”މި ސްޓްރެޓެޖިކް ޕާޓްނާޝިޕްގެ ސަބަބުން އުރީދޫ މެދުވެރިކޮށް ފޯރުކޮށްދޭ މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ސޮލިއުޝަންތަކުގެ ސަބަބުން ވިޔަފާރިތަކުގެ ހިންގުން އިތުރަށް ހަރުދަނާވެ، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުމަށް މަގުފަހިވެގެންދާނެ.“

އުރީދޫ އިން ފޯރުކޮށްދޭ މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ޕްލޭންތަކަކީ ރާއްޖޭގެ ވިޔަފާރިތަކުގެ މަސައްކަތްތަކާއި މުއާމަލާތްތައް ފަސޭހަކަމާއެކު ޑިޖިޓަލް ކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭންތަކެއް ކަމަށް އުރީދޫން ބުނެއެވެ. މި އޮފާ އާއެކު ބިޒްނަސް އީމެއިލް، ކޮލަބްރޭޝަން ޓޫލްސް، އޮންލައިން ސްޓޯރޭޖް އަދި އިތުބާރު ހިފޭ ކްލައުޑް ސޮލިއުޝަންތައް ހިމެނޭ ގޮތަށް ވިޔަފާރީގެ ހުރިހާ ބޭނުންތަކަށް އެއްތަނަކުން ހައްލެއް ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

މި ޕާޓްނާޝިޕްގެ ދަށުން ޒަމާނީ ފެންވަރުގެ ސެކިއުރިޓީ ފީޗާތަކާއި، 24 ގަޑިއިރުގެ ސަޕޯޓް ދިވެހި ބަހުން ވެސް ލިބިގެންދާނެއެވެ.

މީގެ އިތުރުން ވިޔަފާރިތަކަށް ފަސޭހަކަމާއެކު ގިނަ ޑިވައިސްތަކަކުން މުއާސަލާތީ ކަންކަން ބެލެހެއްޓުމުގެ ފުރުސަތު ފަހިކޮށްދީ، މަސައްކަތްކުރާ ފަރާތްތަކަށް ދުރުގައި ތިބި ނަމަވެސް ފަސޭހަކަމާއެކު ވަގުތުން ގުޅިގެން މަސައްކަތް ކުރެވޭނެއެވެ.

އަދި ކްލައުޑްގެ މެދުވެރިކޮށް ހުރިހާ އެޕްލިކޭޝަނެއްގެ އެންމެ ފަހުގެ އަޕްޑޭޓްތައް ވެސް ވިޔަފާރިތަކަށް ލިބިގެންދާނެއެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ބިޒްނަސް އޮފިސަރު ރާޖޭޝް މެހެތާ ވިދާޅުވީ، އުރީދޫގެ މޮބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތްތަކާ އެކު މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ޕްލޭންތަކުގެ ސަބަބުން ވިޔަފާރިތަކުގެ ޕްރޮސެސްތަކާއި ކޮލަބްރޭޝަން އިތުރަށް ސްޓްރީމްލައިން ކުރެވި އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށެވެ. 24 ގަޑިއިރުގެ ސަޕޯޓާއި، ވަރުގަދަ ސެކިއުރިޓީ ފީޗާސް ތަކާއެކު ލިބޭ މި ހިދުމަތް އުރީދޫ މެދުވެރިކޮށް ނަގާ ވިޔަފާރިތަކަށް ފަސޭހަ އަދި ލުއި ޕޭމަންޓް އޮޕްޝަންތައް ފަދަ ފައިދާތައް ލިބިގެންދާނެ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މައިކްރޮސޮފްޓްގެ މެއިން ޕާޓްނަރެއްގެ ހައިސިއްޔަތުން އުރީދޫ މެދުވެރިކޮށް މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސްގެ ހިދުމަތްތައް ހޯދުމަށް ހިޔާރު ކުރާ ވިޔަފާރިތަކަށް ޕާ-ޔޫޒާ މަންތްލީ ސަބްސްކްރިޕްޝަނެއް ހެޔޮ އަގުގައި ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ހަމައެއާއެކު ދިވެހި ރުފިޔާއިން ފައިސާ ދައްކާ ގޮތަށް ލޯކަލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ވެސް ވިޔަފާރިތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކުން ފަދަ ފައިދާތަކާއެކު އިތުރަށް ހަރަދު ކުޑަވެގެންދާނެ ކަަމށް ވެސް އުރީދޫން ބުނެއެވެ.