ސްޕެޝަލް ކޮންސްޓެބްލަރީ ފުލުހުންގެ ވަޒީފާއަށް ފުރުސަތު ހުޅުވާލައިފިއެވެ.

Ads by Asuru

ފުލުހުން ކުރި އިއުލާނުގައި ބުނެފައި ވަނީ ސްޕެޝަލް ކޮންސްޓެބްލަރީ ވަޒީފާ އަށް ހުޅުވާލާފައިވާ ކަމަށާއި، ވަޒީފާ އަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 18 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 14,421ރ. ދިނުމަށް ހަމަޖެހިފައިވާ މި މަގާމުގެ ޝަރުތަކީ، ގްރޭޑް 10 ނިންމާފައިވުމާއި މީލާދީ ގޮތުން 18 އަހަރާއި 39 އަހަރާ ދެމެދުގެ މީހެއް ކަމުގައިވުމެވެ.

އަދި ފިރިހެނެއް ނަމަ، އިސްކޮޅުގައި ފަސް ފޫޓު ތިން އިންޗިއަށްވުރެ ކުރު ނުވުމާއި އަންހެނެއް ނަމަ އިސްކޮޅުގައި ފަސް ފޫޓަށްވުރެ ކުރު ނުވުމަކީ މި މަގާމުގެ ޝަރުތެކެވެ.

އޭގެ އިތުރުން، އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުމަކީވެސް މި މަގާމުގެ ޝަރުތެކެވެ.

މި މަގާމަށް މީހުން ހޮވުމުގައި، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ މީހަކަށް ނުވުމާއި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހެއް ކަމުގައި ނުވުން ވެސް ހިމެނެއެވެ.

ސްޕެޝަލް ކޮންސްޓެބްލަރީ ފުލުހުންގެ ވަޒީފާއަށް ވަންނަ މީހުންނަކީ، އެ ވަޒީފާގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްހަތެއްގައިވާ މީހުން ކަމުގައި ވާންޖެހޭނެ ކަމަށް ވެސް ޢިއުލާނުގައިވެއެވެ.