މާލެ ސިޓީ ޑިޖިޓަލައިޒް ކުރުމުގެ ޕްރޮގްރާމްގެ ދަށުން ގާއިމުކޮށްފައިވާ ”މާވެހި“ ޕޯޓަލް އިފްތިތާހު ކޮށްފިއެވެ.

Ads by Asuru

މި ޕޯޓަލް އިފްތިތާހު ކޮށްދެއްވީ، ލޮނުޒިޔާރަތް ޕާކުގައި މިރޭ ބޭއްވި  މާލެ ސިޓީ ކައުންސިލުގެ ދެވަނަ ރައްޔިތުންގެ ބައްދަަލުވުމުގައި، މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުއެވެ.

މި ޕޯޓަލްގެ ސަބަބުން މާލެ ސިޓީ ކައުންސިލުން ރައްޔިތުން ލިބިގަންނަ 80އަށް ވުރެ ގިނަ ހިދުމަތެއްގެ 90 އިންސައްތަ އޮންލައިން ވެގެންދާނެއެވެ.

މިރޭ ތައާރަފު ކުރި ޕޯޓަލްގެ ސަބަބުން މާލެ ސިޓީ ކައުންސިލުގެ ހިދުމަތްތައް ހޯދާ ފަރާތްތަކަށް ގިނަ ގޮތް ގޮތުން ލުއި ފަސޭހަކަން ލިބިގެންދާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އެގޮތުން ފޯމު ހިފައިގެން އެއް ތަނުން އަނެއް ތަނަށް ދާން ޖެހޭ ދިޔުން ނިމުމަކަށް ގެނެސް، ވަގުތު ސަލާމަތް ކުރެވިގެންދާނެއެވެ. އަދި މި ހިދުމަތްްތައް ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ހޯދޭނެއެވެ.

ޑިޖިޓަލް ޕޯޓަލްއިން ހޯދޭ ހިދުމަތްތަކުގެ ތެރޭގައި ކުއްޖާ އުފަން ވުމުން، އުފަން ދުވަހުގެ ސެޓްފިކެޓް ހެދުމަށް އެދުން ފަދަ ހިދުމަތްތަކާއި، މާލޭގެ ގެއެއްގައި ރަޖިސްޓްރީވުމާއި، އިމާރާތާއި ބިމާ ބެހޭ ހުރިހާ ހިދުމަތްތަކެއް ހޯދުމާއި، މަގު ބަންދު ކުރުމާއި، މަގުމަތީގައި މަސައްކަތް ކުރުމުގެ ހުއްދައަށް އެދުން ފަދަ ހުރިހާ އާންމު ހިދުމަތެއް ހިމެނެއެވެ.

ޕޯޓަލް މެދުވެރިކޮށް ހިދުމަތް ހޯދާނީ ކިހިނެއް؟

ޕޯޓަލް މެދުވެރިކޮށް ހިދުމަތަކަށް އެދުމަށްޓަކައި، ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ. ރަޖިސްޓްރީ ކުރުމަށްޓަކައި، އައިޑީ ކާޑު ނަމްބަރާއި، ފުރިހަމަ ނަން، ޖިންސު، އުފަން ތާރީހު، މިހާރު ދިރިއުޅޭ އެޑްރެސް، އަދި ރަޖިސްޓްރީ އެޑްރެސް ޖެހުމަށްފަހު، ވެރިފިކޭޝަންގައި މިހާރު ބޭނުން ކުރާ ފޯނު ނަމްބަރު އަދި އީމެއިލް ޖެހުމަށްފަހު ފޯނަަށް އަދި އީމެއިލް އަށް އަންނަ އޯޓީޕީ ޖަހާށެވެ.

ރަޖިސްޓްރީ ފުރިހަމަ ވުމުން ސިޓީ ކައުންސިލުން ވީޑިއޯ މެދުވެރިކޮށް އެކައުންޓްގެ ވެރިފިކޭޝަން ޕްރޮސެސް ކުރިއަށް ގެންދާނެއެވެ. ވެރިފިކޭޝަން ފުރިހަމަ ވުމުން، ހިދުމަތްތަކަށް ޕޯޓަލްއިން ލޮގިން ވެގެން ކުރިއަށް ގެންދެވޭނެއެވެ.

ޕޯޓަލްއަށް ލޮގިން ވުމަށް ރަޖިސްޓްރީ ކުރެވުނު އައިޑީ ކާޑު ނަމްބަރު ޖެހުމަށްފަހު، ލޮގިންވާށެވެ. ލޮގިން ވާ ކޮންމެ ފަހަރަކު ކުރިން ފޮނުވި އޯޓީޕީ ކޯޑު ޖަހަން ޖެހޭނެއެވެ.