ނޫސްވެރިންގެ މަސައްކަތަށް އެއްގޮތަކަށްވެސް ހުރަސްނާޅާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.

Ads by Asuru

ނޫސްވެރިކަމަށް ހުރަސްއެޅިދާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށް ފުލުހުން ހިދުމަތުން ބުނެފިއެވެ.

ފުލުހުން މިފަދައިން ބުނެފައިވަނީ، ދިޔަރެސް ނޫހުގެ އެޑިޓަރު އަހުމަދު އަޒާން ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގުމުން ގިނަ ބަޔަކު އެކަމަށް ފާޑު ކިޔުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ އަޒާން ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނީ، އައިޖީއެމް ހޮސްޕިޓަލްގެ ޕޯޓަލްއިން އާންމު ރައްޔިތުންނާއި ދައުލަތުގެ އިސްފަރާތްތަކުގެ ޒާތީ މައުލޫމާތަށް ހުއްދަނެތި އެކްސެސްވިގޮތާ ގުޅޭގޮތުން ފުލުހުން ހިންގާ ޖިނާއީ ތަހުގީގުގައި ސުވާލު ކުރުމަށް ކަމަށެވެ.

އަދި މިއީ ދިވެހި ފުލުހުންގެ ޚިދުމަތުން މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ތަހުގީގު ކުރަމުން އަންނަ މައްސަލައެއް ކަމަށާއި، މިމައްސަލައިގެ ތަހުގީގުގައި އިތުރު ފަރާތްތަކާވެސް ސުވާލުކުރެވިފައިވާ ކަމަށެވެ.