ގއ.ވިލިނގިލިން، އިތުރު ފަރުވާއަށް މާލެ ގެންނަން ޖެހުނު އުމުރުން 13 އަހަރުގެ ކުއްޖާ، އަވަހަށް މާލެ ގެނެވޭނެ ގޮތް ހަމަޖައްސައިދޭން އެދުމުން 12 މިނެޓު ތެރޭގައި އާސަންދައިން އެކަމަށް އެޓެންޑްވެ، ކޭސް އެޕްރޫވް ކުރިކަން ހާމަކޮށްފިއެވެ.

Ads by Asuru

އާސަންދައިން މިހެން ބުނެފައި ވަނީ، ވިލިނގިލިން އެ ކުއްޖާ މާލެ ގެނައުމުގައި ލަސްތަކެއް ދިމާވެ، ކުއްޖާ ނިޔާވި މައްސަލައިގައި ކަމާބެހޭ ފަރާތްތަކުގެ އިހުމާލު އޮތް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެން، ކަން ހިނގައިދިޔަ ގޮތާއި، އެ ކުއްޖާއަށް އެހީވުމަށް އާސައިންދައިގެ ފަރާތުން ކުރި މަސައްކަތް ބަޔާންކޮށް މިރޭ ނެރުނު ބަޔާނެއްގައެވެ.

މިފަދަ ބަޔާނެއް އާސަންދައިން ނެރެފައިވާއިރު، އެ ކުއްޖާ ނިޔާވީ، ފަރުވާއަށް މާލެ ގެންނަން ޑޯނިއާ މަތިންދާބޯޓު ނުނެރުމުން ކަމަށް ބުނެ، ސަރުކާރަށް ފާޑު ކިޔާ ”ދިޔަވަރު“ ވެބްސައިޓުގައި ވަނީ ލިޔުމެއް ވެސް ޝާއިޢު ކޮށްފައެވެ.

އާސަންދައިން ނެރުނު ބަޔާނުގައިވާ ގޮތުން، ވިލިނގިލީ އަތޮޅު ހޮސްޕިޓަލުން، އިމަޖެންސީކޮށް އެކުއްޖާ މާލެ ގެންނަން އެދިފައި ވަނީ، މި މަހުގެ 18ވީ ބުރާސްފަތި ދުވަހު ފަތިހު 5:03ހާއިރުއެވެ.

އާސަންދައިގެ މެޑިކަލް ސެކްޝަނުން އެ ހުށަހެޅުން ޕްރޮސެސްކޮށް، 12 މިނެޓުގެ ތެރޭގައި އެޕްރޫވް ކުރިއެވެ.

”5:19 ވީއިރު، ކަސްޓަމަރ ސަރވިސް ސްޓާފް އިން ވާނީ އެޕްރޫވް ކުރިކަން އަންގާ، ފްލައިޓުން ޖާގަ ހޯދަން އިރުޝާދު ދީފަ.“

ކޫއްޑޫއިން މާލެއަށް އެންމެ އަވަހަށް ވެސް ފްލައިޓެއް އޮތީ، އަނެއް ދުވަހު ފަތިހު 5:55އަށެވެ. އެހައިތަނަށް ލަސްވެދާނެތީ، ޗާޓަރު ފްލައިޓެއް ހަމަޖެއްސޭތޯ ބަލައި، އެ ދުވަހު ހެނދުނު 8:57ގައި ފްލައިޓްގެ ގަޑި މޯލްޑިވިއަނުން ހޯދިއެވެ.

އެ ފްލައިޓް އެ ދުވަހު 2:45 އަށް ކޫއްޑޫއަށް ޖައްސައި، ހަވީރު 4:20އަށް މާލެ ދާ ގޮތަށް އޮތީ ހަމަޖެހިފައެވެ.

ގއ.ހޮސްޕިޓަލުން ކުރި ރިކުއެސްޓާއެކު، ޕޭޝަންޓް ކޫއްޑޫއަށް ގެންދަން އެމްއެންޑީއެފްގެ ސީ އެމްބިއުލާާންސް ހަމަޖައްސައިފައި ވަނިކޮށް، ކޫއްޑޫ އެއާޕޯޓުން، އެ ދުވަހު ހެނދުނު 11:40ގައި ވަނީ މާލެއިން ކައްދޫއަށް ދަތުރު ކުރާ ފްލައިޓެއް ޑައިވާޓްކޮށް، ޕޭޝަންޓް އަވަހަށް ގެންދެވޭނެ ކަމަށް ބުނެފައެވެ. އެގޮތުން އެ ދުވަހު 1:50އަށް ބަލި ކުއްޖާ ގެންދެވޭނެ ކަމަށް އެއާޕޯޓުން ބުންޏެވެ.

ނަމަވެސް ފްލައިޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، ވާހަކަ ދެކެވުނު ގޮތަށް ޑައިވާާޓް ކުރެވޭ ގޮތް ނުވީ ކަމަށް އާސަންދައިން މަޢުލޫމާތު ދިނެވެ.

އަނެއްކާވެސް ހަމަ އެ ދުވަހުގެ ހަވީރު 4:35ގައި ޗާޓަރު ފްލައިޓެއް ހަމަޖައްސައި، ކުއްޖާ ވަނީ 5:15ގައި މާލެއަށް ގެންގޮސްފައެވެ.

އާސަންދައިން ވަނީ މި ނާޒުކު ދަނޑިވަޅުގައި ކުއްޖާގެ ޢާއިލާއާއި މެދު ވިސްނައި، ޙަޤީޤަތް އޮޅޭ ފަދަ ވާހަކަތައް ނުފެތުރުމަށް ވެސް އެދިފައެވެ.

ކުއްޖާ މިއަދު ނިޔާވީ، މާލެ ގެނެސް، އައިޖީއެމްއެޗުގައި އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެ ކުއްޖާ މާލެ ގެނައުން ލަސްވެގެން މިދިޔަ ބުރާސްފަތި ދުވަހު، ބަޔަކު ވަނީ ވިލިނގިލި އަތޮޅު ހޮސްޕިޓަލް ކުރިމަތީގައި މުޒާހަރާވެސް ކޮށްފައެވެ.