އާމްދަނީ ހޯދަން މީގެ ކުރިން ނުލިބޭ އިޤްތިޞާދީ ފުރުޞަތުތައް އަތޮޅުތެރޭގެ ޒުވާނުންނަށް ފަހިކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ ތ.ކނބިދޫގެ ދަރިވަކު އެ އަތޮޅުން ވަޒީފާގެ ފުރުޞަތުތައް މަދުކަން ފާހަގަކޮށް، އެފަދަ ފުރުޞަތުތައް ފަހިކޮށްދެއްވާނެތޯ ކުރި ސުވާލަށް ދެއްވި ޖަވާބުގައެވެ.

ރައީސްގެ ވާހަކަފުޅުގައި، ތ.އަތޮޅުގައި ނިސްބަތުން ވަޒީފާގެ ފުރުޞަތުތައް މަދުކަމަށް ވިދާޅުވެ، އެ އަތޮޅުގައި މިވަގުތު ހިންގަނީ އެންމެ ރިސޯޓެއްކަން ފާހަގަކުރެއްވިއެވެ.

”ވަޒީފާ ލިބޭނީ އިންޑަސްޓްރީތައް މިތަނަށް ގެނެވިގެން، ޓޫރިޒަމް ފުޅާ ކުރެވިގެން، އިތުރު ރިސޯޓްތައް މިތަނަށް ގެނެވިގެން. ނޫނީ މަސްވެރިކަމުގެ އެކި ކަހަލަ ފުރުޞަތު ލިބި، ނޫނިއްޔާ ޒުވާން ކުދިންނަށް ވެއްޖެއްޔާ ބޭނުންވާނެ ކްރިއޭޓިވް އެކި ކަހަލަ ފުރުޞަތުތައް ހޯދައިދޭން ވެސް.“ އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމު ކުރެވިގެން ދިޔުމުން، ޒުވާނުންނަށް އެމީހުންގެ ހުނަރުވެރިކަން ބޭނުންކޮށްގެން އާމްދަނީ ހޯދޭނެ ގޮތްތައް ވެސް ފަހިވެގެންދާނެ ކަމަށެވެ.

ރައީސްއާ ސުވާލު ކުރި ދަރިވަރަށް އެމަނިކުފާނު ދެއްވީ، އެ ދަރިވަރުން ކުރިމަގަށް ކުރާ އުއްމީދުތައް ޙަޤީޤަތަކަށް ހަދައިދެއްވާނެކަމުގެ ޔަޤީންކަމެވެ.

ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމު ކުރައްވަން ރައީީސް މުޢިއްޒު ނިންމަވާފައިވާއިރު، އޭގެ ދަށުން ފަންނީ އަދި އިޖުތިމާޢީ މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީ ފޯރުކޮށްދިނުމަށް ފަންޑެއް އެކުލަވާލާނެ ކަމަށްވެސް ރައީސް އޮފީހުން މީގެ ކުރިން ބުނެފައިވެއެވެ.

އަދި ކްރިއޭޓިވް އިކޮނޮމީ މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ ދަށުން ސިޓީތަކާއި ރަށްތަކުގައި އިނޮވޭޝަން ހަބުތަކެއް އަދި ޓެކްނޮލޮޖީ ޕާކްތަކެއް ހެދުމަށް ގައުމީ ޕްލޭނެއް ވެސް ހެދިގެންދާނެއެވެ.