ކުރީ ސަރުކާރަށް ނުކުރެވުނު މަސައްކަތެއް، އައު ސަރުކާރުގެ އެންމެ ދެ މަސް ދުވަހުން ކޮށްދިންކަން ފާހަގަކުރައްވައި، އެމްޑީޕީއަށް ނިސްބަތްވާ އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ކުރީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by Asuru

އައްޑޫ ސިޓީގެ ސްޓޭޑިއަމްގައި ކުރިއަށްދާ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް ރަސްމީކޮށް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، ނިޒާރު ވިދާޅުވީ އެ ސްޓޭޑިއަމް މަރާމާތު ކުރުމުގައި ކުރީގެ ސަރުކާރުތަކުން އޮތީ އިހުމާލުވެފައި ކަމަށެވެ.

ފާއިތުވި 10 އަހަރު އެންމެ ކުޑަމިނުން ދަވާދު ކޮޅެއްގެ މިންވަރު ވެސް އެ ތަނުގައި ހާކާނުލާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ދަނޑަކީ އައްޑުއަށް ލިބުނު އަގުބޮޑު މުދަލަކަށް ވާއިރު، އެތަން ވީރާނާ ވިޔަ ނުދޭން މިދިޔަ ސަރުކާރުގައި  ތަކުރާރުކޮށް އެދުމުން ވެސް އެކަން ކޮށް ނުދިންކަން ނިޒާރު ފާހަގަކުރެއްވިއެވެ.

”މި ސްޓޭޑިއަމްއަކީ އައްޑުއަށް ލިބިފައިވާ އަގުބޮޑު މުދަލަކަށް ވާއިރު ވީރާނާ ވުމަށް ދޫނުކޮށް މިތަން މަރާމާތު ކުރުމަށް. އެހެން ނަމަވެސް އެއްވެސް ކަމެއް ނުކޮށް މިދިޔަ ސަރުކާރުގެ ދައުރު ނިމިގެން ދިޔަކަން އަޅުގަނޑު ހިތާމައާ އެކު ފާހަގަ ކުރަން.“ ނިޒާރު ވިދާޅުވިއެވެ.

ނިޒާރުގެ ވާހަކައިގައި، ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިކަމަށް އިސްކަން ދެއްވައި، އެކަން އަވަސްކޮށް ކޮށްދެއްވިކަމަށްޓަކައި އެމަނިކުފާނަށާއި، ސްޕޯޓްސް މިނިސްޓަރަށް ނިޒާރު ވަރަށް ބޮޑަށް ޝުކުރު އަދާ ކުރެއްވިއެވެ.