ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހުވަދު އަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ފިޔޯރީ ކައުންސިލުގެ އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެރަށުގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީއަކާއެކު މަސް ފެކްޓްރީއެއް ބޭނުންވާކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ސްކޫލްގެ ޖާގައިގެ ދަތިކަމާއި، އިންޖީނުގޭގެ ކެޕޭސިޓީ އިތުރުކުރަންޖެހޭ ކަމާއި، ޞިއްޙީ ޚިދުމަތް ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ މުހިންމުކަމާއި، ދަނޑުތަކަށް ރަނގަޅު ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މުހިންމުކަންވެސް ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި އ.ތ.މ ކޮމިޓީން ވަނީ އެކޮމިޓީއަށް ކުރިމަތިވާ މާލީ ދަތިތައް ރައީސްއާ ހިއްސާ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެމަނިކުފާނު އެރަށަކަށް ކޮށްދެއްވާނެކަމަށް ވަޢުދުވެވަޑައިގެންނެވި ކަމެއް އެގޮތަށް ފުރިހަމަ ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މީގެ އިތުރުން ކައުންސިލުން ހުށަހެޅުއްވި ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.
