އުރީދޫއިން ދޭ 5ޖީ ހިދުމަތް މާލޭ ސަރަހައްދަށް އެއްކޮށް ލިބޭ ވަރަށް އިތުރަށް ފުޅާކޮށްފިއެވެ

އުރީދޫގެ 17ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ 2ޖީ ނެޓްވޯކެއްގެ ގޮތުގައި ރާއްޖޭގައި ފެށި އުރީދޫއިން މިއަދު 5ޖީގެ ޚިދުމަތް އިތުރަށް ފުޅާކުރުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އަދި އެކުންފުނިން ދިވެހީންގެ ޚިދުމަތުގައި 17 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، ގްރޭޓަރ މާލެއަށް ފައިވްޖީ ނެޓްވޯކް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންނަށް 5ޖީގެ ހަލުވި ސްޕީޑްތަކާއެކު، ފެންވަރު ރަނގަޅު އިންޓަނެޓްގެ ޚިދުމަތް ކަށަވަރުކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަަމަށްވެސް ވިދާޅުވިއެވެ.

މިއަދު އުރީދޫގެ 5ޖީ ނެޓްވޯކް އިތުރަށް ފުޅާ ކުރުމާއެކު، މާލެ، ވިލިމާލެ، ހުޅުމާލެ އަދި ހުޅުލެއަށް އެ ނެޓްވޯކުގެ 5ޖީ ކަވަރޭޖް ލިބޭނެއެވެ.

މީގެ އިތުރުން އުރީދޫގެ 5ޖީ މޯބައިލް ކަސްޓަމަރުންނަށް ވަނީ ހާއްސަ ޑޭޓާ ޕެކޭޖުތަކެއްވެސް ތައާރަފުކޮށްފައެވެ.

އުރީދޫގެ އަހަރީ ދުވަހަށް ޚާއްސަކޮށް، 800 ރުފިޔާއިން މަތީގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ދެގުނަ ޑޭޓާގެ ބޯނަހެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދި، އެއާ ފައިބާ ހިދުމަތް ތުރޮޓުލްއަކާ ނުލައި ދިނުމަށް ވެސް ހަމަޖެހިފައިވެއެވެ.

އުރީދޫއިން ރާއްޖެއަށް 5ޖީގެ ހިދުމަތް ތައާރަފުކުރީ 2020ވަނަ އަހަރު މާލެއަށެވެ.