އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީން، އަނިޔާވެރިކަމާއިއެކުގައި ފަލަސްތީނުގެ ޣައްޒާއަށް އެއްގަމު މަގުންނާއި ވައިގެ މަގުން ހަމަލާތައް ދެމުން އަންނަތާ ހަތަރު މަސްވެއްޖެއެވެ. ހަތަރު މަސް ފުރުނީ، މި މަހުގެ ހަތް ވަނަ ދުވަހުއެވެ. ޣައްޒާއަށް ހަމަލާ ދޭން ފެށީ މިދިޔަ އޮކްޓޯބަރުމަހުގެ ހަތްވަނަ ދުވަހުއެވެ.

Ads by Asuru

މި އުދުވާނީ ހަމަލާތަކުގައި، މިހާތަނަށް 30،000އާއި ގާތް ކުރާ އަދަދަކަށް ފަލަސްތީނަށް ނިސްބަތްވާ މީހުންވަނީ ޝަހީދުކޮށްލާފައެވެ. އެ ޝަހީދުންގެ ތެރޭގައި އެންމެ ގިނައީ އަންހެނުންނާ ކުޑަކުދިންނެވެ. އަހަރުމެން މުސްލިމުންގެ، އެއްވެސް ކުށެއް ނެތް އަހުންނާއި އުހްތުންނެވެ.

“މިޑްްލް އީސްޓް އައި“ އިން ހިއްސާ ކުރި ވީޑިއޯއެއްގައި ފަލަސްތީނުގެ އިސްރަށްވެއްސަކު ކުރި ސުވާލަކީ، ޔަހޫދީންގެ އަނިޔާވެރިކަމުގައި ހިތްދަތި ދުވަސްތަކެއް ފަލަސްތީނުގެ މުސްލިމުން ގުނަމުންދާއިރު، މި ދުނިޔޭގައި އުޅޭ ދެ ބިލިއަން މުސްލިމުން ކޮބައިތޯއެވެ؟ ފަލަސްތީނުގެ ރައްޔިތުންގެ އަހުންނާއި އުހްތުން ކޮބައިތޯއެވެ؟ އަރަބި ގައުމުތަކުގެ ވެރިން ކޮބައިތޯއެވެ؟

ފަލަސްތީނުގެ ޤުދުސްގައި ހުންނަ އަލް-އަޤްސާ މިސްކިތަށް ޒިޔާރަތް ކުރި ތުރުކީގެ މުސްލިމުން ކަމަށް ބެލެވޭ ބަޔަކާ ވާހަކަ ދައްކަމުން ފަލަސްތީނަށް ނިސްބަތްވާ އުމުރުން ދުވަސްވީ، އެ މީހާ ވަނީ، އަބަދުވެސް ފަލަސްތީނާއިއެކުގައިވާ ކަމަށް ވަކާލާތު ކުރައްވަމުން ގެންދަވާ ތުރުކީގެ ރައީީސް ރަޖަބު ތައްޔިބު އުރުދުޣާންއަށް ވަރަށް ބޮޑަށް ފާޑުކިޔައި، އުރުދުޣާން އެ ވިދާޅުވާ ރަތް ރޮނގު، ޔަހޫދީން އަދިވެސް ހުރަސް ނުކުރަނީތޯ ސުވާލުކޮށްފައެވެ.

”ކޮންމެ މީހަކުވެސް ދައްކަނީ ރަތް ރޮނގުގެ ވާހަކަ. އަހަރުމެންގެ ރޮނގު މިހާރު ކަޅުވެއްޖެ.“ އޭނާ ބުންޏެވެ.

އޭނާ ވަނީ އިޒްރޭލުގެ ސިފައިންނަށް މޭވާއާއި ތަރުކާރީ ފޮނުވަނީ ކޮންބައެއްތޯ ސުވާލު އުފައްދައި، ފަލަސްތީނުގެ ތުއްތު ކުދިންނަށް ތިން ދުވަސް ވެގެންދާއިރު ވެސް ކާނެ އެއްޗެއް ނުލިބޭ ކަމަށް ބުނެފައެވެ.

 

ހަނގުރާމައިގެ ސަބަބުން ޣައްޒާއަށް ލިބިފައިވާ ގެއްލުން ދައްކައިދޭ މަންޒަރެއް

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި 30،000 އާއި ގާތްކުރާ އަދަދަކަށް ފަލަސްތީނު މީހުން ޝަހީދުވެފައިވާއިރު، ޔަހޫދީން މިހާރު ތައްޔާރު ވަމުން ދަނީ ފަލަސްތީނުގެ 1.5 މިލިއަން މުސްލިމުން ދިރިއުޅޭ ރަފަހަށް ހަމަލާ ދިނުމެވެ. ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ، ހަނގުރާމަ މެދުކަނޑާލަން ދައްކާ ސުލްހައިގެ އެއްވެސް ވާހަކައަކުން ރަފަހަށް ހަމަލާ ދިނުން ހުއްޓާ ނުލާނެ ކަމަށެވެ. ނަމަވެސް ހަމަލާ ފަސް ކުރެވިދާނެ ކަމަށް ބުންޏެވެ.

ަ