އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ، އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމަށް ލިބިވަޑައިގަންނަވާނެ ކަމަށް ލަފާ ކުރެވެނީ 20 އިންސައްތަ ވޯޓު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

Ads by Asuru

އޮންލައިން ނޫހަކަށް އިކްރާމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމުގައި ހުންނަވާ އާރާއި ބާރުގެ ބޭނުން ކުރައްވައިގެން ލިބިވަޑައިގެންފައިވަނީ 40 އިންސައްތަ ވޯޓު ކަމަށެވެ. އަދި ވެރިކަމުގައި ނެތި ރައީސް ޔާމީނަށް ގިނަވެގެން ލިިބިވަޑައިގަންނަވާނީ 20 އިންސައްތަ ވޯޓު ކަމަށްވެސް އިކްރާމް ވިދާޅުވިއެވެ

ރައީސް ޔާމީނަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ޓިކެޓު ދިނުމަށް ނިންމައި، ޕީޕީއެމް-ޕީއެންސީން އެކަން ވަނީ ހާމަކޮށްފައެވެ.

އެމަނިކުފާނު ރިޔާސީ ރޭހަށް ނުކުމެވަޑައިގަންނަވަން ނިންމެވުމުން ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންގެ އިތުރުން، އާއްމުންގެ ތެރެއިން ގިނަ ބަޔަކުވެސް ވަނީ މީސްމީޑިއާގައި އެމަނިކުފާނަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާފައެވެ.

އިކްރާމް ވަނީ ރައީސް ޔާމީނަށް އިދިކޮޅުގެ ރިޔާސީ ޓިކެޓު ދިން ޚަބަރު، ރާއްޖޭގެ ގިނަ އޮންލައިން ނޫސްތަކެއްގައި ޝާއިއު ކުރުމުން އެކަމަށްވެސް ފާޑުވިދާޅުވެފައެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވަނީ ”މިވެސް ޚަބަރެއްތޯ؟“ ސުވާލު ކުރައްވާފައެވެ.  އެ ޓްވީޓަށް ޖަވާބުދިން ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑު ކިޔާފައިކަން ފާހަގަކޮށްލެވެއެވެ.