20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީ އިން ނުކުންނަކީ ”މިސްރާބު ހަމަ މަގަށް“ މި ޝިއާރާއިއެކުއެވެ. އެ ޕާޓީން ބުނާ ގޮތުގައި، ފަސް މަސް ނުފުރޭ އާ ސަރުކާރުގެ އަމާޒު މިހާރު ކަސިޔާރު ވެއްޖެއެވެ.

Ads by Asuru

ހަމަ މަގަށް އެޅުވޭނީ، އެމްޑީޕީން ދައުވާ ކުރާ ގޮތުގައި، އެ ޕާޓީއަށް އެކަންޏެވެނ އެހެންވެ، 19 ވަނަ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ބަރުލަމާނީ ހަޔާތުގެ ރެކޯޑު ހަދައި، ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދިން ގޮތަށް، މި ފަހަރު ވެސް ރައްޔިތުން އެ ޕާޓީއަށް އެ ފުރުސަތު ދޭން ޖެހޭ ކަމަށް އެބަ ބުނެއެވެ.

ނަމަވެސް މަޖިލީހުގެ 65 ގޮނޑިއާއިއެކު އެހެން ޕާޓީއަކަށް ނުވަތަ މިނިވަން ކެންޑިޑޭޓަކަށް ބަރޯސާނުވެ މަޖިލިސްތެރެއިން ކުރަން ބެނުންވާ ހުރިހާ ކަމެއް ކުރުމުގެ ފުރުސަތާއި، ވެރިކަން ކުރުމުގެ ބާރު ވެސް ލިބުމުން އެމްޑީޕީއަށް ކުރެވުނީ ކޮން ކަމެއްތޯ ވިސްނާލުން ބުއްދިވެރިއެވެ.

އެޖެންޑާ19 ތަފާތު ދެއްކިތަ؟

ގާނޫނު ހަދާ މަޖިލީހުގެ 65 ގޮނޑި އެމްޑީޕީން ހޯދީ އެޖެންޑާ 19ގެ ނަމުގައި ވައުދުތަކެއް ވެގެންނެވެ. ރައްޔިތުންނަށް ފޮނި އެތައް ހުވަފެނެއް ދައްކައިގެންނެވެ.

އެންމެންނަށް ބޯހިޔާވަހިކަން ޔަގީންކުރުމާއި މުވައްޒަފުންނަށް އެންމެ ކުޑަމިނުން ލިބެންޖެހޭނެ އުޖޫރަ ކަނޑައެޅުމާއި ކަރަންޓާއި ބޯފެނުގެ އަގު ހެޔޮ ވުމާއި ވަޒީފާ ނެތް ކޮންމެ މީހަކަށް އެންމެ ކުޑަ އުޖޫރައެއް ދިނުމާއި ރިސޯޓު މުއައްޒަފުންނަށް ”ނައިޓަށް“ ރަށަށް ދެވުމާއި، މަސްވެރިންނަށް ހައްގު މިންވަރު ހޯދާދިނުން ފަދަ ގިނަ ވައުދުތަކެއް އެ ލިސްޓުގައި ވެއެވެ. އޭގެ ތެރެއިން ފުދުނީ ކިތައް ވައުދުތޯއެވެ؟ ފުރިހަމަ އާރާއިބާރާއިއެކުގައި ވެރިކަން ކުރަން ފުރުސަތު ދިނުމުން ވެސް ރައްޔިތުންނަށް ހައްގުވާ މިންވަރު ލިބުނުތޯއެވެ؟ ވެރިކަމުގެ ދައުރު ނިމުމުނުއިރު، އެންމެ މީހަކަށް ވެސް އެމްޑީޕީގެ ސަރުކާރުން އެޅި ފްލެޓަކަށް ވަދެވުނުތޯއެވެ؟ ގޯތި ވެސް ދިނީ ކަނޑު ފަޅުންނެވެ. އިންތިހާބަށް ކަޑަ ޖަހާ އުސޫލުން ބޮޑެތި މަޝްރޫއުތަކެއް ހިންގާ ވާހަކަ ދައްކައި، ބައެއް މަޝްރޫއުތަކުގައި ސޮއި ކުރިއިރު، ރައްޔިތުންގެ ހުވަފެންތައް ވީ ބިލާހަކަށެވެ. ދައުލަތަށް ގެއްލިގެން ދިޔަ ފައިސާ ހޯދުނުތޯއެވެ؟

ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސް؟

ޮކޮރަޕްޝަނަށް ހަމަހިލާ ޖާގަ ނުދެއްވާނެ ކަމަށާއި، އެކަމަށް އެމްޑީޕީގެ ސަރުކާރެއްގައި އޮންނާނީ ”ޒީރޯ ޓޮލެރެންސް“ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވަމުން ގެންދެވިއެވެ.

ނަމަވެސް ގައުމުގެ ހާލަތު އެންމެ ބޮޑަށް ގޯސްވެގެންދިޔަ ކޮވިޑް-19ގެ ޕެންޑެމިކްގެ ތެރޭގައި ފެންމަތިވީ ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލައެވެ.

ކޮވިޑް ބަލި ޖެހޭ ގިނަ ބަޔަކު ވެންޓިލޭޓަރަށް ލާން ޖެހޭތީ، އެކަމަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި ކޮރަޕްޝަނާއި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް އޮޑިޓް އޮފީހުން ހެދި އޮޑިޓް ރިޕޯޓުން ހާމަވެފައިވެއެވެ.

އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލާ އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ވަނީ ދީފައެވެ.

މި މައްސަލައިގައި އޭސީސީން އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީންއާ އެކު އެ މިނިސްޓްރީގައި މަސައްކަތް ކުރި 11 މީހެއްގެ މައްޗަށް ދައުވާ ކުރަން ވެސް ފޮނުވިއެވެ.

ނަމަވެސް ފަހުން އަމީން ހިމެނޭ ގޮތުން ބައެއް މީހުން އެ ލިސްޓުން އުނިކުރުމަށް ފަހު ވެސް ދައުވާކޮށްދޭން މައްސަލަ ޕީޖީ އޮފީހަށް ފޮނުވިއެވެ. އެކަމަކު ވެސް ދައުވާކޮށްފައެއް ނުވެއެވެ. މި މައްސަލަ ބަލަން ޖެހިފައި ވަނީ މި ސަރުކާރަށެވެ.

ވެރިކަމުގެ އެންމެ ފަހު ދުވަސްތައް ގުނަމުންދަނިކޮށް، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ އިސް މޭސްތިރިއަކަށް ހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތަށް ވެސް މައާފު ދިނީ ޒީރޯ ޓޮލެރެންސް އުސޫލުގެ ތެރެއިންތޯ ސުވާލު އުފެދެއެވެ. ދައުލަތާއި ދިވެހި ރައްޔިތުންގެ ހައްގަށް ކުޑަ ވެސް އިހްތިރާމެއް ނެތްފަދައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވާ ބާރެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ކަމަށް އޭރު ވެސް އެތައް ބަޔަކު ބުނަމުން ދިޔައެވެ. މިވަރު ކަންކަން ހިންގި ބަޔަކު ލީޑަރޝިޕްގައި ތިބި ސިޔާސީ ޕާޓީއަކުން ނުކުމެ މިސްރާބު ހަމަ މަގަށް އަޅުވާ ވާހަކަ ދެއްކުމަކީ ޖޯކަކަށް ނުވޭތޯއެވެ؟

ދަރަނީގެ ރެކޯޑު

އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ އިގްތިސާދު ވަރަށް ނާޒުކު ހާލަތަކަަަށް ވައްޓާލިއެވެ. އާ ސަރުކާރަށް ވާރުތަ ކުރުވީ، 120 ބިލިއަން ރުފިޔާގެ ބޮޑު ދަރަންޏެކެވެ. އެ ދަރަނީގެ ތެރޭގައި ކުންފުނިތަކުން ދައްކަން ޖެހޭ ފައިސާތަކާއި، އެކި އިދާރާތަކާއި ވުޒާރާތަކުން އާންމު ރައްޔިތުން މެދުވެރިކޮށް އެކިއެކި މަސައްކަތް ކުރުވުމަށް ފަހު ނުދީ ހުރި ފައިސާ ވެސް ހިމެނެއެވެ. ބޭރުގެ ދަރަނި ދައްކަން އޮތް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގައި ހުރި ޑޮލަރު ވެސް ވެރިކަމުން ފައިބައިގެން ދިޔައިރު، ދިޔައީ ހުސްކޮށްލައިގެންނެވެ. ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް އިތުރަށް ފައިސާ ޗާޕު ކުރުމުގެ މުއްދަތު އެމްޑީީޕީގެ ބާރު އޮތް މަޖިލީހުން ތަކުރާރުކޮށް ދިނެވެ. މިއީ ރައްޔިތުން ހަނދާން ބަހައްޓަން ޖެހޭ ކަމެކެވެ. ފައިސާ ޗާޕު ކުރުމުގެ ލައިސެންސް މަޖިލީހުން ދިނީ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ތިން މާއްދާއެއް ސަސްޕެންޑު ކުރުމަށްފަހުއެވެ. ފުރަތަމަ ސަސްޕެންޑު  ކުރުމަށްފަހު، ތިން ވަނަ ފަހަރަށް ވެސް އެ މުއްދަތު އިތުރު ކޮށްދިނެވެ.

އެންމެ ފަހުން މި ތިން މާއްދާތައް ސަސްޕެންޑް ކޮށްދޭން ފިނޭންސް މިނިސްޓްރީން އެދުނީ އޭޕްރީލް 2023 އާ ހަމަ އަށެވެ. ނަމަވެސް މި މުއްދަތު ވެރިކަމުގެ ދައުރު ނިމޭ ހިސާބަށް ދަންމާލަން މަޖިލީހުން ފުރުސަތު ދިނެވެ.

މިކަންކަމަށް ވިސްނާލާއިރު، މިސްރާބު ދާނީ ހަމަ މަގަށްތޯ ނޫނީ ފަރަށްތޯ ހިތަށް ގެންނަވާށެވެ.