ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ހިޔާނާތުގެ މައްސަލައިގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް މާދަމާ ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ފައްޔާޒް ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ މާދަމާ މެންދުރު 3:00 އަށެވެ.

ފުލުހަށް ހާޒިރުވުމަށް އަންގާފައިވާ ޗިޓު މިއަދު އެކްސްގައި ޕޯސްޓުކުރެއްވުމަށްފަހު ފައްޔާޒް ވިދާޅުވީ އާރްޑީސީން ހިޔާނާތެއް ވެއްޖެކަމަށް ބުނެ ބަލާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން ކަމަށެވެ. އަދި އެއްވެސް ތުހުމަތެއް ކުރެވޭނެ ފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފުލުހަށް ހާޒިރުވުމަށް އަންގާފައިވާ ޗިޓުގައި ފައްޔާޒަށް ކުރެވޭ ތުހުމަތުގައި އޮތީ، އާރްޑީސީއަށް ލިބޭ ފައިސާ އެ ކުންފުނީގެ ވެރިންނާއި އާރްޑީސީއާ ގުޅުން އޮންނަ ފަރާތްތަކާއި ކުންފުނިތަކަށް ދޫކޮށް، އާރްޑީސީގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލައިގައި އާރްޑީސީން ކޮށްފައިވާ މުއާމަލާތްތަކުގެ ތެރެއިން ފައްޔާޒަށް މާލީ މަންފާ ލިބިފައިވާކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ އާރްޑީސީއާ ގުޅޭ ހިޔާނާތުގެ ބޮޑު މައްސަލަ ތަހުގީގު ކުރަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ގުޅިގެން ކަމަށެވެ. މި ހިޔާނާތާއި ގުޅޭ ގޮތުން މީގެ ކުރިން ފުލުހުން ހިއްސާކޮށްފައިވާ މައުލޫމާތުން ހާމަވާގޮތުން އެ ކޯޕަރޭޝަންގެ މުވައްޒަފުންގެ އެކައުންޓްތަކުން ސަރުކާރުގެ އިސް ފަރާތްތަކާއި އެ ފަރާތްތަކުގެ ކުންފުނިތަކަށް ވެސް ވަނީ ފައިސާ ވަދެފައެވެ.

ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުން އެނގޭގޮތުގައި އާރްޑީސީގެ ތިން މީހެއްގެ އެކައުންޓަށް އެކި ފަހަރު މަތިން ގާތްގަނޑަކަށް 14 މިލިއަން ރުފިޔާ ޖަމާކޮށްފައިވާއިރު އޭގެ ތެރޭގައި އެކެއްގެ އެކައުންޓަށް 216 ޓްރާންސެކްޝަން ވަނީ ހަދާފައެވެ. ފުލުހުން ބުނީ އެ ޓްރާންސެކްޝަންތައް ހަދާފައިވަނީ 2018 އިން ފެށިގެން 2022 ގެ ސެޕްޓެމްބަރު މަހާ ހަމައަށް ކަމަށެވެ.

އާރްޑީސީ ހިޔާނާތުގެ މައްސަލައިގައި ގާތްގަނޑަކަށް 15 މީހުން ބައިވެރިވާކަމަށް ލަފާކުރެވޭކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލައާއި ގުޅިގެން ތިން ތަނެއް ބަލާ ފާސްކޮށް، ގިނަ އަދަދެއްގެ ލިޔެކިޔުންތަކެއްވެސް ހޯދާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.