މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދީގެން މިސްރާބު ދިޔައީ ގޯހުން ގޯހަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަ ސެކްރެޓަރީ އިބްރާހިމް އަބާން އަބްދުލް ލަތީފް ވިދާޅުވެއްޖެއެވެ.

އަބާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީއަށް ވޯޓުދޭންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެ ޕާޓީގެ މެމްބަރުންނަށް މަޖިލީހުގެ ސުޕަރ މެޖޯރީޓީ ދީގެން ގައުމުގެ މިސްރާބު ދިޔައީ ގޯހުން ގޯހަށް ކަމަށެވެ.

އަބާން ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ވަނީ ގައުމު ދަރަނިވެރި ކޮށްފައި ކަމަށެވެ. އަދި ހައްދެއް ނެތި ފައިސާ ޗާޕްކޮށްފައިވާކަމަށާއި، ރައްޔިތުންނަށްޓަކައި އެ ސަރުކާރުން ވީ ވައުދުތައް ހުރީ ނުފުއްދާ ކަމަށް އަބާން ވިދާޅުވިއެވެ.

އަބާން ވިދާޅުވީ އެމްޑީޕީއަށް ވެރިކަމާއި މަޖިލީހުގެ ސުޕަރ މެޖޯރީޓި ދީގެން ރައްޔިތުންނަށް ވީ ފައިދާއެއް ނެތް ކަމަށެވެ.

ރަސޫލާއަށް ފުރައްސާރަކުރި މައްސަލަވެސް މަޖިލީހުގެ ތަޅުމުން ބޭރުކޮށްލި ކަމަށް އަބާން ވިދާޅުވިއިރު، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކުރާ މުހިންމު މަސައްކަތްތަކަށް މަޖިލީހުން ހުރަސްއަޅާ ވާހަކައަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުވެސް ތަކުރާރުކޮށް ދައްކަވާ ވާހަކައެކެވެ.

ޕީއެންސީގެ ފަރާތުން ހޮޅުދޫ ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓް އަބްދުއްސައްތާރު މުހައްމަދު (ސަޓޯ)ގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ އެންމެ 2 މިލިއަން ރުފިޔާ ކަމަށެވެ. އަދި މިދިޔަ ސަރުކާރުން އެ ފަންޑުގައި ހުރި ޑޮލަރު ރުފިޔާއަށް ބަދަލުކުރިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ ރުފިޔާގެ ބަދަލުގައި ޑޮލަރު ޖަމާކުރާ ފަންޑަކަށް ބަދަލުކުރުމަށްފަހު އެ ފަންޑަށް ހާއްސަ ގާނޫނެއް ރައްޔިތުންގެ މަޖިލިސް ތެރެއިން ފާސްކުރުން ކަމަށެވެ.

ރައީސް ވިދާޅުވީ މިފަދަ ގާނޫނެއް ފާސްކުރުމަކީ ރާއްޖޭގެ އިގްތިސޯދު ރަނގަޅު މަގުން ގެންދިއުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެކަން ކުރުމަށްޓަކައި ހަފްތާ 14 ގެ މަސައްކަތްތައް އެކުލަވާލާ، އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅުއްވި ބިލަކީވެސް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު ހިމާޔަތްކުރުމާ ބެހޭ ބިލެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސޮވެރިން ފަންޑުގެ ފައިސާކޮޅު ހުސްކޮށްލީ މަޖިލީހުގެ ސުޕަ މެޖޯރިޓީ މިހާރު އޮތް އެމްޑީޕީގެ ސަރުކާރުން ކަމަށާއި އެ ފަންޑު އަނބުރާ އިއާދަކުރުމުގެ މަސައްކަތް މިކުރަނީ މި ސަރުކާރުން ކަމަށެވެ. އެގޮތުން ދިވެހިން އެދޭ ގޮތަށް ދިވެހިންގެ ފަންޑު ދިވެހިރާއްޖޭގައި އޮންނަ ގޮތަށް މި ސަރުކާރުން ބަދަލުކުރުމަށްފަހު ބިލެއް ހަދާފައި މަޖިލީހަށް ފޮނުވުމުން މަޖިލީހުން އެ ބިލު ބޭރުކޮށްލާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެފަދަ ވިސްނުމެއްގައި ތިބި ބަޔަކު ރައްޔިތުންގެ މަޖިލީހަށް ހޮވުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. އެގޮތުން ސަރުކާރުން ރައްޔިތުންގެ ހައްގުގައި ކުރިއަށްގެންދަން ރާވާ މުހިންމު މަޝްރޫއުތަކާއި ސިޔާސަތުތަކާއި ދެކޮޅަށް މަސައްކަތް ކުރާނެ މެމްބަރުންތަކެއް މަޖިލީހަށް ހޮވައިގެން ރައްޔިތުންނަށް ވާނީ ގެއްލުން ކަމަށް ރައީސް ވިދާޅުވިއެވެ.