އެމްޑީޕީގެ ”‏އެޖެންޑާ19“ ނިމިގެން ދިޔައިރު، ބޯހިޔާވަހިކަމެއް ލިބުނު އެއްވެސް ދިވެހި ރައްޔިތަކު ނެތް ކަމަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާއަށް ވާދަ ކުރައްވަވާ ކެންޑިޑޭޓު މުހައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވެއްޖެއެވެ.

Ads by Asuru

އޭނާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުސްތަފާ ވަނީ، ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދެވޭނީ، އެމްޑީޕީއަށް މަޖިލީހުގެ އިތުރު ދައުރެއް ދީގެން ކަމަށް ބުނެ، އެ ޕާޓީން ދައްކަމުންދާ ވާހަކައަށް ފާޑުވިދާޅުވެ، މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު ލިބުމުން ވެސް ބޯހިޔާވަހިކަން ނުދެވުނު ކަމަށް ވިދާޅުވެފައެވެ.

”ފަސް އަހަރު، ދިހަ އަހަރު ދީފިން. އެކަމެއް ނުވި، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ރައީީސް ޑރ.މުހައްމަދު މުއިއްޒު އެ ވައުދު ފުއްދެވުމަށް ކުރައްވަވާ މަސައްކަތާއި އެކީގައި، އަޅުގަނޑުމެން މި ހުރީ އެމަނިކުފާނާއި އެކީގައި ސާބިތުކޮށް، ތިޔަ ބޭފުޅުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށްޓަކާ.“ އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް މުއިއްޒު ވައުދުތައް ފުއްދަވާނެ ކަމަށް އޮތް ޔަގީންކަން، އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދަވަމުން ގެންދޭތޯ ބަލައި، ފާހަގަ ޖެއްސެވުމަށް ރައްޔިތުންގެ އަރިހުން އެދިވަޑައިގަންނަވާފައި ވުމެވެ.

މުސްތަފާ ވިދާޅުވީ ރައްްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށްޓަކައި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ހުރިއިރު، އެކަން ސަރުކާރަށް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށެވެ.

”ސަރުކާރު ހިންގުމަށްޓަކައި އެހީތެރިވެދޭނެ ރައްޔިތުންގެ މަޖިލިސްއެއް އޮންނަންޖެހޭ.“

އޭނާ އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިގެން، ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށް އެމްޑީޕީން ބުނާއިރު، މިހާރު ވެސް މެޖޯރިޓީ ލިބިފައި ވަނީ އެ ޕާޓީއަށް ކަމަށާއި، އެހެންކަމުން އެ ވައުދު މިވަގުތު ވެސް ފުއްދެން ޖެހޭ ކަމަށެވެ.