ސިޔާސީ މަންފާއެއް ނުވަތަ މަގުސަދެއްގައި މި ސަރުކާރުން އެއްވެސް މީހަކު ހައްޔަރުނުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ހިޔާނާތުގެ މައްސަލައިގައި ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އާ ސުވާލުކުރުމަށް ދިވެހި ފުލުހުން ޗިޓު ފޮނުވުމުން، އެކަމަކީ ސިޔާސީ ބޭފުޅުން ހައްޔަރުކުރުމުގެ ސިލްސިލާގެ ފެށުންކަމަށް އެމްޑީޕީން ބުނަމުން އަންނާތީ އެކަމަށް ދެއްވި ރައްދުގައެވެ.
’ސަންގު ޓީވީ‘ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެކަމާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ ބަދަލު ހިފުމުގެ ރޫހު ނިމުމަކަށް ގެންނަން ޖެހޭކަމަށާއި، ސިޔާސީ ބަޔަކަށް ވީތީ އެބަޔަކާ މެދު ފިޔަވަޅު އަޅައިގެން ނުވާނެ ކަމަށް ރިޔާސީ ކެމްޕެއިންގައިވެސް އެމިކުފާނު ވިދާޅުވެފައިވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު އަދިވެސް ހުންނެވީ އޭރު ވިދާޅުވި ބަހުގައި ކަމަށާއި ސިޔާސީ މީހަކަށްވީތީ އެމީހަކަށް ދޮގު ތުހުތަތުތަކެއް ކުރުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ހަމައެއް ނޫންކަމަށެވެ.
ރައީސް ވިދާޅުވީ ފައްޔާޒްގެ މައްސަލައާ ގުޅޭ ގޮތުން ހޯމް މިނިސްޓަރަށް ގުޅުއްވާ، މި މައްސަލައިގައި ސިޔާސީ އެއްވެސް މަގުސަދެއް ނެތްކަމުގެ %100 ޔަގީންކަން މިނިސްޓަރުގެ ފަރާތުން ލިބިވަޑައިގެންފައިވާކަމަށެވެ. އަދި މި މައްސަލައިގައި ސިޔާސީ އެއްވެސް މަގުސަދެއް ނެތި މައްސަލަ ފުރިހަމައަށް ތަހުގީގު ކުރުމަށް އިންވެސްޓިގޭޝަން ގާނޫނީ ހަމަތަކުގެ ތެރެއިން މިނިސްޓަރަށް ބެއްލެވޭނެ އެންމެ ގާތުން ބެއްލެވުމަށް ރައީސް އެދިވަޑައިގެންފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މައްސަލަތަކާ ގުޅޭގޮތުން ތަހުގީގަށް މީހުން ގެންދިއުމަކީ ޑިމޮކްރަސީގެ ގާނޫނު އަސާސީ ހިނގާނަމަ އެކަންތައް އޮންނަން ޖެހޭ ގޮތް ކަމަށެވެ.
ފުލުހަށް ހާޒިރުވުމަށް އަންގާފައިވާ ޗިޓުގައި ފައްޔާޒަށް ކުރެވޭ ތުހުމަތުގައި އޮތީ، އާރްޑީސީއަށް ލިބޭ ފައިސާ އެ ކުންފުނީގެ ވެރިންނާއި އާރްޑީސީއާ ގުޅުން އޮންނަ ފަރާތްތަކާއި ކުންފުނިތަކަށް ދޫކޮށް، އާރްޑީސީގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލައިގައި އާރްޑީސީން ކޮށްފައިވާ މުއާމަލާތްތަކުގެ ތެރެއިން ފައްޔާޒަށް މާލީ މަންފާ ލިބިފައިވާކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

ސިޔާސީއޭ ކިޔައިގެން ވާހަކަ ދައްކަނީ ކުށް ކޮށްފަ އެކަން ފޮރުވަން…..ކުށް ކޮށްފި ނަމަ އެކަން ބަލަންޖެހޭނެ..ސާބިތު ނުވާނަމަ ދޫކޮށްލަންވީ ސާބިތު ވެއްޖެ ނަމަ އަދަބު ދޭންވާނެ..ސިޔާސީއެއް ކިޔާނެ ކަމެއްނެތް..ދައުލަތުން ވައްކަން ކޮށްފި ނަމަ އަތް ކަނޑަންވީ…..ޙައްލަކީ ޢުމަރު.