މިއަދު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މެދުހެންވޭރު ދާއިރާއަށް ސަރުކާރުގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް ހުސެއިން ނާސިހްގެ ކެމްޕެއިން ހަރާކުގައި ބައިވެރިވެވަޑައިގެން އުޅުއްވި އިރު، މަގުމަތިން ރައްޔިތުންތަކެއް އެމަނިކުފާނާ ސުވާލުތަކެއް ކުރިމަތިކުރެއްވި ވީޑިއޯއެކެވެ.

Ads by Asuru

މި ސުވާލުތައް ރައީސްއާ ކުރިމަތިކުރައްވާފައިވަނީ އެ ދާއިރާއަށް ފުރަތަމަ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން އުޅެ، ފަހުން އަމިއްލަ ގޮތުން ވާދަކުރައްވާފައިވަނިކޮށް ސުޕްރީމް ކޯޓުގެ ހުކުމަކުން ކެނޑިޑެސީ ބާތިލްވި ހަސަން ޝިޔާމްގެ ސަޕޯޓަރުންތަކެކެވެ.

އެ ސަޕޯޓަރުން ބުނަމުން އައީ ވަކި މީހަކަށް ބޭއިންސާފުން ރައީސް ކަންތައް ކުރެއްވި ކަމަށާއި، ހަސަނަށް ސުޕްރީން ކޯޓުން ކުރި ހުކުމަށް ރައީސް ނުފޫޒު ފޯރުއްވިކަމަށެވެ.

މިފަދަ ތުހުމަތުތަކެއް ރައީސްގެ ބޮލުގައި އަޅުއްވަމުންދިޔައިރުވެސް އެމަނިކުފާނު ފެނިވަޑައިގެންނެވީ ވަރަށް މަޑުމައިތިރިކަމާއި ހިތްތިރިކަމާއެކު ހުންނެވި މަންޒަރެވެ.

ރައްޔިތު މީހާގެ އިހުސާސްތަކާއި ކަންބޮޑުވުން ރައީސް ވަނީ މަޑުމައިތިރިކަމާއެކު ކަނުލާ އަޑުއައްސަވާފައެވެ. އަދި އެ ތުހުމަތުތަކާ ގުޅޭ ގޮތުން އެމަނިކުފާނު ޖަވާބުދާރީވެސް ވީ ނުހަނު މަޑުމައިތިރިކަމާއި އަދަބުވެރިކަމާ އެކުއެވެ.

ރައީސް ވަނީ ހަސަނަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް އެމަނިކުފާނު ނުފޫޒު ފޯރުވާފައިވާކަމަށް ބުނި ތުހުމަތުތައް ދޮގުކުރައްވާފައެވެ. ޖުޑިޝަރީއަށް އަތް ނުބާނާނެ ވާހަކައަކީ ރިޔާސީ ކެމްޕެއިން ތެރެއިން ފެށިގެންވެސް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން އަންނަ ވާހަކައެކެވެ. އަދި މިއަދު ދައުރުވަމުން އަންނަ ވީޑިއޯގައިވެސް އެމަނިކުފާނު ވަނީ އެފަދަ ކަމެއް ކުރައްވާފައި ނުވާނެކަމަށް ވިދާޅުވެފައެވެ.

ރައީސް މިއަދު ދައްކުވައިދިނީ އެމަނިކުފާނަކީ ހިޔާލު ތަފާތުވާ މީހުންނާވެސް ކެރިގެން ކުރިމަތިލާނެ ރައީސެއް ކަމެވެ. މިއީ މަގުމަތިންވެސް ރައްޔިތުންގެ އިހުސާސްތައް މަޑުމައިތިރިކަމާއި ކެތްތެރިކަމާއެކު އަޑު އަހަން ކެރޭ ރައީސެކެވެ.