ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އެކި ދުވަސް މަތިން ޖިންސީ ގޯނާކޮށްފައިވާ މައްސަލައިގެ ތަފްސީލުތައް ސޯޝަލް މީޑިއާގައި އާއްމުވުމުން، އަލީ ވަހީދުގެ މަޖިލިސް ޓިކެޓު އަތުލުމަށް ރައްޔިތުން ގޮވަން ފަށައިފިއެވެ.
އެޕްރީލް 21 ވަނަ ދުވަހު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އަލީ ވަހީދު ވާދަކުރައްވަނީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓުގައި ކުޅުދުއްފުށީ ދެކުނު ދާއިރާއަށެވެ. އެމްޑީޕީގެ ޓިކެޓު އަލީ ވަހީދު ކަށަވަރުކޮށްފައިވަނީ އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާ ކާމިޔާބުކުރައްވައިގެންނެވެ.
މިދިޔަ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އަލީ ވަހީދު އެ މަގާމުން ވަކިކުރީ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައެވެ. އެ މައްސަލައިގައި އަލީ ވަހީދުގެ ޝިކާރައަށްވި ކުދިންގެ ބަޔާންތައް އެނގުމުން ކީރިތި ކުރެއްވި ކަމަށްވެސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ނަމަވެސް އެ އަނިޔާތަކުގެ ޝިކާރައަކަށްވީ ކުދިންގެ ހިތްދަތި ތަޖުރިބާތަކުގެ މަތިން އިބޫ ސޯލިހް މިހާރު ހަނދާނެއް ނެތެވެ. އަލީ ވަހީދަށް އަލުން އެ ޕާޓީން ހޫނު މަރުހަބާއެއް ކިޔައި، ކުޅުދުއްފުށި ދެކުނު ދާއިރާގެ ޓިކެޓު ހަވާލުކުރުމުން އެކަން ވަރަށް ބޮޑަށް ހާމަވެގެން ދިޔައެވެ.އަދި މިފަހަކަށް އައިސް ސޯޝަލް މީޑިއާގައި އެ ކުދިންގެ ބަޔާންތައް ލީކުވެފައިވާއިރު، އެކަމާ ގުޅޭ ގޮތުންވެސް އެމްޑީޕީ އޮތީ ހަމަހިމޭނުންނެވެ. މިކަމާ ގުޅިގެން ރައްޔިތުން އަންނަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
އަލީ ވަހީދު އަތުން އެމްޑީޕީގެ މަޖިލިސް ޓިކެޓު އަތުލުމަށް ރައްޔިތުން ގޮވަމުން އަންނަ އިރުވެސް، މިއަދުވެސް އޭނާ ވަނީ އިންތިހާބުގައި ވާދަކުރުމަށް ފައި ހިއްޕަވައިގެން ހުންނެވިކަމަށް ވިދާޅުވެފައެވެ. އަލީ ވަހީދަށް ކުރެވޭ ތުހުމަތުތަކަށް އެއްވެސް އިންކާރު ކުރުމެއް ނެތި އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ނަޔާ ކުޅުދުއްފުއްޓެއް ކާމިޔާބުކުރާނީ ނުހަނު ލޯތްބާއެކު ކަމަށެވެ.

އެކަހަލަ ބޮޑެތި ހުރިހާ ކުއްވެރިންނަށް މާފުދީ މުޅިރާއްޖެ ހަލާކުކޮށްލީ ރައީސް އިބުރާހިމު. މިހާރު އެއުޅެނީ އެކަންތައްތައް އޮޅުވާލަން.