ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އެކި ދުވަސް މަތިން ޖިންސީ ގޯނާކޮށްފައިވާ މައްސަލައިގެ ތަފްސީލުތައް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

Ads by Asuru

އެ މައްސަލައިގައި އަލީ ވަހީދުގެ ޝިކާރައަކަށްވީ ކުދިންގެ ވާހަކަތައް އަޑުއައްސަވައި، އޭރު ރައީސްކަމުގައި ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހުއަށް ކީރިތި ކުރެއްވުނު ކަމަށްވެއެވެ.

ނަމަވެސް އެ އަނިޔާތަކުގެ ޝިކާރައަކަށްވީ ކުދިންގެ ހިތްދަތި ތަޖުރިބާތައް ސޯލިހު މިހާރު ހަނދާނެއް ނެތެވެ. އަލީ ވަހީދަށް، ސޯލިހު ހުންނަވާ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހޫނު މަރުހަބާއެއް ކިޔައި، ކުޅުދުއްފުށި ދެކުނު ދާއިރާއަށް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ދީފައެވެ.

މައްސަލަތައް ފުރަތަމަ ފެންމަތިވިއިރު އެކަމާ ސޯލިހު ކީރިތިކުރައްވާ، މިނިސްޓަރު ކަމުގެ މަގާމުން އަލީ ވަހީދު ވަކިކުރެއްވީ ރައްޔިތުންގެ ލޮލުގައި އަނދުނެއް އަޅުވަންކަން ކަށަވަރެވެ

ޖިންސީ ގޯނާގެ ޝިކާރައަށްވާ ފަރާތްތަކާ މެދު އަޅާލާ އޯގާތެރި ސަރުކާރެއް ކަމަށް ދައްކައިގެން އުޅުމަށްފަހު، ވެރިކަން ނިމުމުން ސޯލިހުގެ އަސްލު ކުލަވަރު ރައްޔިތުންނަށް ވަރަށް ރީއްޗަށް ހާމަވެގެން ހިނގައްޖެއެވެ.

ސޯޝަލް މީޑިއާގައިވެސް ރައްޔިތުން ބުނަމުން އަންނަނީ އޭރު މިނިސްޓަރުކަމުގެ މަގާމުން އަލީ ވަހީދު ވަކިކުރެއްވުމަށްފަހު، މިހާރު އެމްޑީޕީގެ ތެރެއިން ކުރިއަރައިގެން ދިއުމަށް ފުރުސަތު ދިނުމުން ޕާޓީގެ ފެންވަރު ދަށްކަން ވަރަށް ބޮޑަށް އެނގިގެންދާކަމަށެވެ. މި މައްސަލައިގެ ތަފްސީލުތައް ހާމަވުމުން އަލީ ވަހީދު އަތުން ޓިކެޓު އަތުލުމަށް އެމްޑީޕީގެ އާއްމު މެމްބަރުން ވެސް އަންނަނީ ގޮވަމުންނެވެ.

އަލީ ވަހީދު ޖިންސީ އަނިޔާ ދިން 13 އަންހެން ކުދިންނަށް ބިރުދައްކާ ފުރައްސާރަކޮށްގެން ބައެއް ކުދިންގެ ބަޔާންތައް އަނބުރާ ނަގަން ސިޓީ ފޮނުވި މައްސަލަ ފުލުހުން ލައްވާ ތަހުގީގުކުރުމަށްވެސް ހޯމް މިނިސްޓަރ އަލީ އިހުސާނުގެ އަރިހުން ރައްޔިތުން އަންނަނީ އެދެމުންނެވެ.

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި މައްސަލަ އޮއްބާލުމުގެ ފަހަތުގައިވަނީ ސޯލިހުއާއި ކުރީގެ ހޯމް މިނިސްޓަރު އިމްރާންއެވެ.

ރައީސް ސޯލިހު މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި ވަނީ އަލީ ވަހީދުގެ މުސްތަގުބަލު އޭނާ އެދޭ ގޮތަށް ކުރިއަށްގެންދިއުމުގެ ފުރުސަތު ހޯދައިދޭނެކަމަށް ވިދާޅުވެފައެވެ.

ރޭޕްގެ މައްސަލަތަކާ ގުޅޭ ގޮތުން އެކަމުގެ ޝިކާރައަކަށްވި ޒުވާން އަންހެނުން ދީފައިވާ ބަޔާންތައް އަނބުރާ ނަގަން ފަށާފައިވަނީ އޭގެ ދުވަސްކޮޅެއް ފަހުންނެވެ.

އަލީ ވަހީދުގެ މައްސަލަތަކާއި ގުޅޭގޮތުން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ޝިއުނާ އެކްސްގައި ކުރެއްވި ޕޯސްޓެއް ހިއްސާކޮށްލާނަމެވެ. ޝިއުނާ ވިދާޅުވެފައިވަނީ ސޯލިހުގެ ވެރިކަން ފެށީ ރޭޕިސްޓަކު މިނިވަންކޮށްފައި ކަމަށާއި، ވެރިކަމަށް ސިއްކަޖެހީވެސް ރޭޕިސްޓަށް މަރުހަބާ ކިޔަމުން ކަމަށެވެ.

ކީރިތި ކުރައްވަމުން ވެދުމަށް އެރުވީ މަޖިލިސް ޓިކެޓް! ކޮބާ އަންހެނުންގެ ހައްގު؟

އަނިޔާ ލިބުނު ފަރާތްތަކާ އަމިއްލަފުޅަށް ބައްދަލުކުރައްވާ އެ ފަރާތްތަކުގެ ވާހަކަ އަޑު އެއްސެވުމަށްފަހު، އެމްޑީޕީގެ ޓިކެޓު އަލީ ވަހީދަށް ދިނުމުން ރައްޔިތުން ތިބީ ނުހަނު ރުޅިގަދަވެފައެވެ.

އަލީ ވަހީދު ހިމާޔަތްކުރުމުގައި ސޯލިހުއާއި އެމްޑީޕީގެ މުޅި ލީޑަރޝިޕްގެ ބައިވެރިވުން އޮތްކަމަށް ރައްޔިތުން އަންނަނީ ބުނަމުންނެވެ.