އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލާއި ރަށު ކައުންސިލާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑި ގެއްލޭ ގޮތަށް ހުށަހެޅި އެންޓި ޑިފެކްޝަން ބިލު މަޖިލީހުން ފާސްކޮށްފިއެވެ.
33 މެންބަރުންގެ ވޯޓާއިއެކު ބިލު ފާސްކުރިއިރު، މި ބިލު ފާސްކުރުމާ ދެކޮޅަށް ހަ މެންބަރުން ވޯޓު ދެއްވާފައިވެއެވެ.
މިއީ އެމްޑީޕީގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުالله ހުށަހެޅުއްވި ބިލެކެވެ.
ޖުމުލަ 10 މާއްދާއްގެ މައްޗަށް އެކުލެވޭ މި ބިލަށް ކޮމިޓީން ތިން އިސްލާހެއް ގެނެސްފައިވެއެވެ.
ބިލު މަޖިލީހަށް ފުރަތަމަ ހުށަހެޅިއިރު ތިން ވަނަ މާއްދާގެ އަރިމަތީ ސުރުހީގައި ބަޔާންކޮށްފައިވަނީ، “ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް” މިހެންނެވެ. އެހެންނަމަވެސް ކޮމިޓީން ބިލު އިސްލާހުކުރިއިރު މިހާރު ބަޔާންކޮށްފައިވަނީ، “ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދޭންޖެހޭ ހާލަތްތައް” ކަމަށެވެ.
އޭގެ ފަހަތަށް އޮން ތިންވަނަ މާއްދާގެ ރ. ގައި އޮތީ މެމްބަރަކު އިންތިހާބުވި ޕާޓީން އޭނާ ވަކިކޮށްފި ނަމަ ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވާ މެމްބަރަކު ޕާޓިއަކާ ގުޅިއްޖެނަމަ އިލެކްޝަންސް ކޮމިޝަން(އީސީ) އިން އެ މެމްބަރަކު ނިސްބަތްވާ ދާއިރާގައި އެ މެމްބަރު އިތުރަށް ބެހެއްޓުމާ މެދު ފެންނަ ނުފެންނަ ވޯޓަށް ނެގުމަށެވެ.
އެހެން އޮތް މާއްދާއަށް ކޮމިޓީ މަރުހަލާގައި ބަދަލު ގެނެސް ފެންނަ ނުފެންނަ ވޯޓެއް ނަގަން ނުޖެހޭ ގޮތަށް ވަނީ ފާސްކޮށްފައެވެ.
ކޮމިޓީން އެ މާއްދާ ބަދަލުކޮށްފައިވަނީ ހަތް ދުވަހުގެ ތެރޭގައި މެމްބަރަކަށް އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށެވެ. އަދި, ކޯޓުން މެމްބަރަކާ ދެކޮޅަށް މައްސަލަ ނިންމައިފިނަމަ އީސީން މަޖިލީހަށް އެންގުމުން އިސްތިއުފާ ދޭން ޖެހޭނެ ކަމަށެވެ.