މުޅި ދައުލަތް ކޮންޓްރޯލްކޮށް، ދައުރެއް ނިންމާލިއިރު ވެސް ވެރިރަށް މާލޭގެ ރައްޔިތުންނަށް ދަތިވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ އެމްޑީޕީއަށް ހައްލު ނުވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ، މިރޭ މައްޗަންގޮޅި އުތުރު ޖަގަހަ ހުޅުވުމަށް ބޭއްވި ކެމްޕެއިން ހަރަކާތުގައި  ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގެ ފަސް އަހަރު ނިންމާލީ، މާލޭގެ ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްނުދީ ކަމަށާއި، ކޮށްދިން ކަމެއް ދެއްކޭކަށް ނެތް ކަމަށެވެ.

މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނެވިއިރު، ގުޅީފަޅަކީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ މަންޒިލަކަށް ހަދަން، އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދަންނަވައި، ސިޓީތައް ފޮނުއްވައިގެން ވެސް، އެކަމަށް އެ ސަރުކާރުން ކުޑަވެސް އެއްބާރުލުމެއް ނުދިންކަން ރައީީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ވެރިކަން ކުރުމުގެ ބަރާއި، ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީއާއިއެކު، ޝަރުއީ ދާއިރާ އަށް ވެސް އެމްޑީޕީން ނުފޫޒު ފޯރުވަމުންދިޔައިރު، މުޅި ދައުލަތް އޮތީ އެ ޕާޓީގެ ކޮންޓްރޯލްގައި ކަމަށެވެ. ނަމަވެސް ވެރިކަން ކުރާ ސިޓީގެ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކޮށް ނުދެވުނުކަން ރައީީސް ފާހަގަކުރެއްވިއެވެ.

 

”ދެން މި ބުނަނީ އަޅުގަނޑުމެންނަށް އަނެއްކާވެސް މެޖޯރިޓީ ދިނީމައޭ، މާލޭ ރައްޔިތުންނަށް ގޯތި ލިބޭނީ. މި ވާހަކަ ގަބޫލު ކުރާނެ ބޭފުޅަކު އަޅުގަނޑު ހިތުން ނުހުންނާނެ.“ އެމަނިކުފާނު ވިދާޅުވިއެވެ.

ަރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބުމުން ވެސް އެމްޑީޕީއަށް އެއްވެސް ރައްޔިތަކަށް ގޯއްޗެއް، ނުވަތަ ފްލެޓެއް ވެސް ހަވާލު ނުކުރެވުނުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފެށުނު މަޝްރޫއު އަކީ ވެސް އަމިއްލަ ފަރާތެއް ކަމުގައިވާ އެޕޯލޯއިން ފެށި ހައުސިން މަޝްރޫއުއެއް ކަމަށެވެ.