ދިވެހި ގައުމުގެ އިގްތިސާދީ ހާލަތު، މިއަދު އޮތް ހާލަތުގައި އޮތީ، އެމްޑީޕީން އެވަރަށް ފައިސާ ޗާޕު ކުރުމުންކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރޭ ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި އެތައްހާސް މިލިއަން ރުފިޔާ ޗާޕު ކުރި ކުރުން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.

”8،000 މިލިއަން ރުފިޔާ، ޗާޕު ކުރި ކުރުން ހަނދާން ނައްތާލައިގެން ނުވާނެ. އެއީ އޭގެ 40 އަހަރު ކުރީގައި ޗާޕު ކުރި، ހަހާސް މިލިއަން ރުފިޔާއާ ނުބައްދަލު ބޮޑު އަދަދެއް.“ އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، އެމްޑީޕީން ފައިސާ ޗާޕު ކުރި ވަރުން، ފައިސާގެ އަގު ވެއްޓި ޑޮލަރުގެ އަގު އުފުލިގެންދިޔަ ކަމަށެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން، ފައިސާ ޗާޕު ކުރުން ހުއްޓާލައްވައި، ދަރަނިތައް ދައްކަވަމުން، އިގްތިސާދު ވެސް ހަރުދަނާ ކުރުމުގެ މަސައްކަތް ފެއްޓެވިކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވަނީ އެހެން އަހަރުތަކާއި އަޅާބަލާއިރު، މި އަހަރު ރޯދަމަހާއި ދިމާކޮށް ތަކެތީގެ އަގުތައް ވެސް އުފުލިގެން ނުދާ ކަމަށް ވިދާޅުވެފައެވެ.