ސިޔާސީ ކޯޅުމާއި ޒާތީ ޖަދަލުކުރުން ދޫކޮށް، ގައުމުގައި ހަމަޖެހުން ގާއިމްކުރުމަށް މަސައްކަތް ކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އަދި ސަރުކާރުގެ ފަރާތުން ލ.ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ލ.ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަބްދުއްރަހީމް އާއި ވ.ފެލިދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އާދަމް ޒާހިރުގެ މާލެ ކެމްޕެއިން ޖަގަހަ ހުޅުވުމަށްޓަކައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރަށް އަބަދުވެސް މުހިންމީ ދިވެހި ގައުމާއި ދިވެހި ރައްޔިތުންނާއި ގައުމުގެ އިސްތިގުލާލާއި ސިޔާދަތުކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހުންނެވީ ދިވެހިރާއްޖޭގެ ހަމަޖެހުމާއި ރައްކާތެރިކަމާއި ގައުމަށް ބޭނުންވާ ތަރައްގީ ގެނައުމުގެ މާތް ނިޔަތުގައިކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ މި ގައުމުން ބަދަލު ހިފުމުގެ ރޫހު ނައްތާލާނެ ކަމަށް ރައީސް ވިދާޅުވި ވާހަކައަށްވުރެ ހިތްހަމަޖެހޭ ކަމެއް ނެތް ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ މިހާތަނަށް މި ޑިމޮކްރަސީގައި ހޭދަކުރެވުނު ދުވަސްތަކުގެ ތެރޭގައި ސިޔާސީ ކޯޅުމާއި ޒާތީ ޖަދަލުކުރުމުގެ ތެރޭގައި މީހުން ގެއްލި ހަލާކުވެފައިވާ ކަމަށެވެ. އޭގެ ނޭދެވޭ އަސަރު ގައުމަށް ކުރަމުން އަންނަކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ކޯޅުމާއި ޒާތީ ޖަދަލުކުރުން ދޫކޮށްލުމަށްފަހު ގައުމަށް ހަމަޖެހުން ގެނައުމަށް އެންމެންވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މި ދިވެހި ގައުމު ހަމަޖެހުމުގެ ނޭވާއެއް ލާން އެބަޖެހޭ. ރައްޔިތުންނަށް ހަމަޖެހުމާއި އުފާވެރިކަން ލިބެން އެބަޖެހޭ. މިއީކީ ހަމައެކަނި ސިޔާސީ ލީޑަރުންގެ ގައުމެއް ނޫން. މިއީ ހަމައެކަނި ސިޔާސީ ޕާޓީތަކުގެ ގައުމެއްވެސް ނޫން. މިއީ ކޮންމެ ދިވެހި ރައްޔިތެއްގެވެސް ގައުމު. އަޅުގަނޑުމެން ކޮންމެ ދިވެހި ރައްޔިޔެއްގެ ހައްގު މި ގައުމުގައި އެކުލެވިގެންވޭ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ މުއިއްޒު ހުންނެވީ ރައްޔިތުންނަށް އެ ހައްގު ހޯއްދަވައިދެއްވުމަށް ކަމަށާއި ރައްޔިތުން ކޮށްދޭންވީ ކަމަކީ އެމަނިކުފާނަށް ގައުމު ބިނާކުރުމުގެ ޖާގަ ތަނަވަސްކޮށްދިނުން ކަމަށެވެ. އެއީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސާފު މެޖޯރިޓީ އެމަނިކުފާނަށް ދެއްވުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.