ކުރީގެ ރައީސް އަބްދުއްލާ ޔާމީން، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒާމެދު ގޯސް ގޮތަކަށް ދެކެވަޑައިގަތުމަކީ ވަރަށް ހިތާމަކުރައްވާ ކަމެއް ކަމަށް އެމަނިކުފާނުވިދާޅުވެއްޖެއެވެ.
އެސްއެސްޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނާ ގުޅޭ ގޮތުންނާއި އެމަނިކުފާނާ ބެހޭ ގޮތުން އެހެން ބޭފުޅުން އަދި ހުދު ރައީސް ޔާމީންވެސް ގޯސްކޮށް ދެކެވަޑައިގަތުމަކީ ވަރަށް ހިތާމަކުރައްވާ ކަމެއް ކަމަށާއި އެމަނިކުފާނުގެ ހިތްޕުޅުގައި ޔާމީނާމެދު އޮތީ އިހުތިރާމް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޕީޕީއެމް ދޫކުރައްވާ ރައީސް ޔާމީން ވަޑައިގެން އަމިއްލަފުޅަށް އާ ޕާޓިއެއް އުފެއްދުމަކީ އެމަނިކުފާނުގެ ހައްގެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ހިތްޕުޅުގައި ރައީސް ޔާމީނަށް އަބަދުވެސް އޮންނާނީ ލޯތްބާއި ގަދަރު ކަމަށެވެ. އަދި އަބަދުވެސް ރައީސް ޔާމީނަށް އިހުތިރާމް ކުރައްވާ ކަމަށާއި އެންމެ ބޮޑަށް އިހުލާސްތެރިކަމާއި ކިޔަމަންތެރިކަމާއެކު ހިދުމަތްކުރައްވާފައިވާނީ ރައީސް ޔާމިނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައީސް ޔާމީން ރައީސްކަމުގައި ހުންނެވިއިރުވެސް އެމަނިކުފާނާ ހަވާލުކުރެއްވި ހުރިހާ މަސައްކަތެއް ފުރިހަމައަށް ޒިންމާދާރުކަމާއެކު އަދާކޮށްފައިވާނެ ކަމަށާއި އަބަދުވެސް އިހުތިރާމާއި ގަދަރު އެމަނިކުފާނުގެ ހިތްޕުޅުގައި ރައީސް ޔާމީނަށް އޮންނަވާނެ ކަމަށެވެ.
ރައީސް ޔާމީން މިނިވަންކުރުމާމެދު ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދުގެ މަތީގައި ދެމިހުންނެވިކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އަޅުގަނޑުގެ ކިބައިން ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ގާނޫނީ އިމުގެ ތެރެއިން އަބަދުވެސް ކޮށްދޭނަން. އަޅުގަނޑުވީ ވައުދާ އެއްގޮތަށް މިހިރީ އަބަދުވެސް. އަޅުގަނޑަކީ ވައުދާ ހިލާފުވާނެ މީހެއް ނޫން.
ރައީސް ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން ރައީސް ޔާމީން މިނިވަންކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ރައްޔިތުންގެ އަރިހުގައި ދަންނަވާފައިވާނެ ކަމަށާއި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުވެސް ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވުން ނިމުނީ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ.
އުއްމީދުކުރީ އެ ނިންމުން އިއުލާނުކުރުމުން ޖުޑިޝަރީން އެގޮތަށް ކުރިއަށް ވަޑައިގަންނަވާ ރައީސް ޔާމީނަށް އިންސާފު ގާއިމްކޮށްދިނުމުގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށް. އެކަން އޮތީ ޖުޑިޝަރީގެ އަތް މަތީގައި. ސަރުކާރުން ކޮށްދެވެން ހުރި ކަމެއް އަބަދުވެސް ސަރުކާރުން ކޮށްދޭނެ. އަޅުގަނޑު މިހުރީ ހަމަ އަޅުގަނޑު ވީ ވައުދުގެ މަތީގައި.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައީސް ޔާމީނަކީ މި ގައުމަށް ހިދުމަތް ކުރުމުގައި އެތައް އަހަރެއް ހޭދަކުރެއްވި ލާމަސީލު ބޭފުޅެއް ކަމަށާއި އެމަނިކުފާނުގެ ހިތްޕުޅުގައި ރައީސް ޔާމީނާމެދު އޮތީ ގާތް ކަމާއި އިހުތިރާމްކަމަށެވެ.
އެހެން ބޭފުޅުން އަދި ހުދު ރައީސް ޔާމީންވެސް އަޅުގަނޑާ ދޭތެރޭ ގޯސް ގޮތަކަށް ދެކެވަޑައގަތުމަކީ އަޅުގަނޑު ވަރަށް ހިތާމަކުރާ ކަމެއް. އެއީ ހަގީގަތެއް ނޫން.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ރައީސް ޔާމީނާމެދު އަބަދުވެސް ވިސްނާފައިވާނީ އަދި އަމަލުވެސް ކުރައްވާފައިވާނީ ރަނގަޅަށް ކަމަށެވެ. އަދި އެނޫން ގޮތަކަށް ރައީސް ޔާމީނާމެދު ދެގެވަޑައިނުގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ޔާމީން އަދި އެމަނިކުފާނުގެ ސަޕޯޓަރުން އަންނަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނާ ގުޅޭގޮތުންވެސް ނަފްރަތު އުފެދޭގޮތަށް ވާހަކަތައް ދައްކަވަމުންނެވެ. އެކަމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އޮތީ ވަރަށް ބަދަހިކޮށް ކަމަށާއި ފެށުނީއްސުރެވެސް މަސައްކަތް ކުރި ގޮތަށް މިހާރުވެސް ދެ ޕާޓީން މަސައްކަތް ކުރަމުން އަންނަނީ އެއް ފިކުރެއްގައި ކަމަށެވެ.
ރައީސް ވިދާޅުވީ ކޮންގްރެސް ކޯލިޝަނުގެ ތެރޭގައި އެއްވެސް ބައިބައިވުމެއް ނެތް ކަމަށާއި ކޯލިޝަނުގެ ޝިއާރަކީ ގައުމު އިސްކޮށް، ގައުމަށް ހިދުމަތް ކުރުން ކަމަށްވާއިރު، މަސައްކަތް ކުރަމުން އަންނަނީ އެ ޝިއާރުގެ ދަށުން ކަމަށެވެ.