ލ.ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލްކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު އިސްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ލ. އަތޮޅުގެ ތަރައްގީއަށްޓަކާ ކުރަން ރާވާފައި ހުރި މަޝްރޫއުތައް ރައީސް މުއިއްޒު ކުރިއަށްގެންދަވާނެކަމުގެ ފުރުހަމަ ޔަގީންކަން އެބަ އޮތް ކަމަށާއި އޭގެ ތެރެއިން ލ.ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލްކުރަން ނިންމާ އެކަމުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާކަމަށެވެ.
ފައިސަލް ވިދާޅުވީ ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމަށްޓަކައި ހިއްކަންޖެހޭ ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. މީގެ އިތުރުން ލ. ގާދޫގައި ބަންކަރިން ޕޯޓެއް ގާއިމްކުރުމުގެ މަސައްކަތްވެސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއެކު ފެށުމަށް ތައްޔާރުވެފައިވާކަމަށް ފައިސަލް ވިދާޅުވިއެވެ.
ލ. އަތޮޅުގެ ޒުވާނުންނަށް ދިމާވެފައިވާ ވަޒީފާގެ ދަތިކަން ހައްލުކުރެވޭނީ ލ. އަތޮޅުގައި އިތުރު ޓޫރިސްޓު ރިސޯޓުތައް ތަރައްގީކޮށް ލޯކަލް ޓޫރިޒަމްވެސް ފުޅާކުރެވިގެން ކަމަށް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ މި މަޝްރޫއުތަކަކީ ލ. އަތޮޅަށް މީގެ ކުރިން ދުވަހަކުވެސް ނާންނަވަރުގެ ބޮޑެތި މަޝްރޫއުތައް ކަމަށާއި މި މަޝްރޫއުތަކުގެ ސަބަބުން ލ. އަތޮޅުގެ ޒުވާނުންނަށާއި ލ. އަތޮޅުގައި ދިރިއުޅޭ އާއިލާތަކަށް ފުދުންތެރިކަން ހާސިލުކުރެވިގެންދާނެ ކަމަށެވެ.
ފައިސަލް ވިދާޅުވީ ލ. އަތޮޅަށް ބޭނުންވާ ތަރައްގީ ހާސިލުކުރެވޭނީ ރައީސް މުއިއްޒަށް އެއްބާރުލުން ދޭނެ މެމްބަރުންތަކެއް ތިބި ރައްޔިތުންގެ މަޖިލީހެއް އޮވެގެން ކަމަށެވެ. އަދި އެކަން ފަހިކޮށްދިނުމަށްޓަކައި ލ. އަތޮޅުގެ މަޖިލިސް ގޮނޑިތައް ސަރުކާރަށް ހާސިލުކޮށްދިނުމަށް ލ. އަތޮޅުގެ ރައްޔިތުން މަސައްކަތް ކޮށްދެއްވުމަށް ފައިސަލް ވަނީ އެދިވަޑައިގެންފައެވެ.
