ވާދަވެރި ސިޔާސީ ފަރާތްތަކުން ކިތަންމެ ވަރަކަށް ފާޑު ކިޔަސް މި ސަރުކާރުގެ ބޭފުޅުން ތިއްބެވީ ނުގުޑާފަދަ އަޒުމެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
ހައްދުންމަތީގެ ބައެއް ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ފޮނަދޫ ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން އަބްރުއްރަހީމް ވިދާޅުވީ މި ސަރުކާރަށް އަންނަ ކޮންމެ ގޮންޖެހުމަކާވެސް ކުރިމަތިލާނީ ނިކަން ސާބިތުކަމާއި ހިތްވަރާއެކު ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ވެރިކަން ދިފާއުކުރުމަށްޓަކައި އެކަކު ސާބިތުވެ ހުރިނަމަ އެއީ އޭނާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ މުޅި ހައްދުންމައްޗަށް އެކީގައި ތަރައްގީ ގެނައުމަށްޓަކައި ކަމަށާއި އެ ތަރައްގީއަކީ މުޅި ދިވެހިރާއްޖޭގެ އިގްތިސާދަށް ބަޔާންކުރަން ނޭނގޭފަދަ ތަރައްގީއެއް ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ލ.ގާދޫގެ ބަންކަރިން ޕޯޓުގެ ވާހަކައަކީވެސް ހުރިހާ ސަރުކާރަކުންވެސް ދައްކަމުން އައި ވާހަކައެއް ކަމަށާއި ވެރިކަމަށް އައުމަށްފަހު އެކަމަށްޓަކައި އެއްވެސް މަސައްކަތެއް އެއްވެސް ސަރުކާރަކުން ކޮށްފައި ނުވާކަމަށެވެ.
ރައީސް ހައްދުންމައްޗަށް މިފަހަރު ކުރެއްވި ދަތުރުފުޅުގައި ވަނީ ގާދޫގައި ޕޯޓެއް ގާއިމްކުރުމާއި ލ.ކައްދޫ އެއާޕޯޓް އިންޓަރނޭޝަނަލް ކުރުމުގެ ފަހުމުނާމާފައި ސަރުކާރުން ކޮންޓްރެކްޓަރާއެކު ސޮއިކޮށްފައެވެ.
ކައްދޫ އެއާޕޯޓާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ 1986 ވަނަ އަހަރުގެ ޑިސެމްބަރު 10 ވަނަ ދުވަހު އެ އެއާޕޯޓު ހުޅުވުމަށްފަހު މިއަދާ ހަމައަށް އައިއިރު އެ އެއާޕޯޓަށް އައި ތަރައްގީއެއް އަދި ކުރިއެރުމެއް ނެތް ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު ވަނީ އެ ތާރީހު ބަދަލުކޮށްދެއްވާފައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅުގައިވެސް ރައްޔިތުން ބޭނުންވާ ތަރައްގީ ގެންނަމުން އަންނަ ކަމަށާއި އިދިކޮޅު ފަރާތްތަކަށް ހަޖަމް ނުވަނީ އެކަން ކަމަށެވެ. އަދި ރައްޔިތުން އެދޭ ތަރައްގީ ގެނައުމަށްޓަކައި މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށާއި މި ސަރުކާރުގެ ބޭފުޅުންނާއި ރައްޔިތުންވެސް ތިއްބެވީ ރައީސް މުއިއްޒާއެކު ސާބިތުކޮށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.