މިއަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މޯލްޑިވިއަންގެ ދަތުރުތައް އައްޑޫއާ ކޫއްޑޫއާ ދޭތެރޭ ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިތުރު މަންޒިލްތަކަށް ދަތުރުތައް ފުޅާކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ހައި ސީޒަން އަންނަން ވާއިރަށް އެކި ދިމަދިމާލަށް ފްލައިޓްތުތައް ޗާޓަރުކުރުމުގެ މަސައްކަތް ފެށިފައިވާކަމަށެވެ. އެގޮތުން މިހާރު އެންމެ ގިނައިން ރާއްޖެއަށް އަންނަ އެއާލައިންތަކާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އައްޑޫއާ ކޫއްޑޫއާ ދެތެރޭ ދަތުރުތައް ފަށަން ނިންމީ އައްޑޫ ސިޓީގައި ރިސޯޓުތައް މަދުވުމުން ކަމަށެވެ. އެގޮތުން ހުވަދު އަތޮޅުގައި ރިސޯޓުތައް ގިނަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އޮކްޓޯބަރުން ފެށިގެން މޯލްޑިވިއަންގެ ދަތުރުތައް އައްޑޫއާއި ކޫއްޑޫއާ ދޭތެރޭގައި ފެށިގެންދާނެ ކަމަށެވެ.
އަދި އޭގެ އިތުރަށް ސްރީލަންކަންގެ ފްލައިޓުތައް މިހާރަށްވުރެ ޑަބަލް ކުރުމަށްޓަކައި އަޅުގަނޑުމެން މި ނިންމީ، މިތަނުގައި ރިސޯޓުތައް އަދި މަދުވީމާ، މިތަނަށް އައިއްސަ މިތަނުން ދެން ހުވަދު އަތޮޅަށް، ހުވަދު އަތޮޅުގައި ގއ. ގދ. ގެ ރިސޯޓުތައް ކޮންމެވެސް ވަރަކަށް ގިނަ ވީމާ އަޅުގަނޑުމެން މިހާރު މިއޮތީ އިއުލާނުކޮށްފައި އޮންނާނީ އޮކްޓޯބަރުން ފެށިގެން މޯލްޑިވިއަންގެ ފްލައިޓުތައް އައްޑޫއާއި ކޫއްޑޫއާ ދޭތެރޭގައި ފްލައި ކުރަން ފަށާނެ.
ރައީސް ވިދާޅުވީ އޭގެ ބޭނުމަކީ ލަންކާއިން އަންނަ ފްލައިޓުތަކައި އަންނަ ފަތުރުވެރިން އިތުރުކޮށް އޭގެ ފައިދާ އައްޑޫ ސިޓީއަށް އިތުރުކުރުން ކަމަށެވެ. ރައީސް ވިދާޅުވީ އެއާޕޯޓު ފުޅާކުރެވި އެތަން ފުރިހަމަވެގެންދާއިރު އައްޑޫ ސިޓީގެ ރައްޔިތުން އަބަދުވެސް އުއްމީދުކުރާ ގޮތަށް ހަގީގީ ފެންވަރުގެ އެއާޕޯޓެއް ގާއިމްވެގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީކުރުމުގެ މަޝްރޫއަކީވެސް އެދެވޭ ކުރިއެރުމެއް އައިސްފައވާ މަޝްރޫއެއް ނޫންކަމަށާއި މި ސަރުކާރުން ވައުދުވީގޮތަށް، އެންމެ ފެންވަރު ރަނގަޅު އިންޓަނޭޝަނަލް ކޮލިޓީގެ އެއާޕޯޓަކަށް އައްޑޫ އެއާޕޯޓު ހައްދަވައިދެއްވާނެ ކަމަށެވެ. އެގޮތުން މިހާރު ފެށިފައިވާ މަޝްރޫއަށް މަސައްކަތްތައް އިތުރުކޮށްގެން އެއާޕޯޓުގައި ހޮޓެލްސް ގާއިމްކުރުމުގެ މަސައްކަތްވެސް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
