ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން އިންސައްތައެއް ކައުންސިލްތަކަށް ޖަމާކޮށް، ރަށުގެ ތަރައްގީއަށް އެ ފައިސާ ބޭނުންކުރެވޭ ގޮތަށް ގާނޫނުތައް އިސްލާހުކުރަން ބޭނުންފުޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފ. ފީއައްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ޓޫރިޒަމް ޓެކްސްއާއި އަދި އެކި ކަހަލަ ޓެކްސްގެ ތެރެއިން ވަކި އިންސައްތައެއް، ޓެކްސްގެ ގާނޫނާއި ކަމާގުޅޭ އެހެން ގާނޫނުތައް އިސްލާހުކޮށްގެން ކައުންސިލްތަކަށް ސީދާ ޖަމާކޮށްދިނުމަށް ގާނޫނުތައް އިސްލާހުކުރުމަށް ގަސްތުކުރައްވާކަމަށެވެ.
ރައީސް ވިދާޅުވީ ކައުންސިލްތަކަށް އާމްދަނީ އިތުރުކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ދަންނަވާފައިވާނެ ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު އެއް ކަމަކީ ދައުލަތަށް ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ސީދާ ޖަމާކުރުން ކަމަށެވެ. އޭރުން އެ ކައުންސިލްތަކަށް ރަށުގެ ތަރައްގީއަށް ކުރެވޭނެ ވަރަށް ގިނަ ކަންތައް ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުން މުއްސަނދިކޮށް ފުދުންތެރި ކުރުވުމަށް ކަމަށާއި އެގޮތުން ކައުންސިލްތަކާއި ރަށްރަށުގެ ކުދި ވިޔަފާރިތަކަށް ބައިވެރިވެވޭ ގޮތަށް ފަޅުރަށްތައް ދޫކުރުމަށްވެސް މިހާރު ނިންމާފައިވާކަމަށެވެ.
ރައީސް ވިދާޅުވީ މިހާތަނަށް 168 ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރެވިފައިވާއިރު ފާހަގަކުރެވިގެން ދިޔައީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް ބާރުވެރިކުރުވަން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް ގާއިމްވެފައި އޮތް ނަމަވެސް، ގާނޫނުތައް ބައްޓަންވެފައި އޮތީ އަމަލީގޮތުން އެ ކޮމިޓީތަކަށް ހަރަކާތްތެރިވެވޭ ގޮތަކަށް ނޫންކަމަށެވެ. ލާމަރުކަޒީ ގާނޫނުން ކޮމިޓީ އުފެދިފައި އޮތް ނަމަވެސް އެލަވަންސްގެ ގޮތުގައި ކުޑަ އެއްޗެއް ލިބުން ފިޔަވާ މާ ބޮޑު ފުރުސަތުތަކެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ހުރިހާ ކަމެއްވެސް ކުރަން އޮންނަނީ ކައުންސިލުގެ ބަޖެޓުން އިންނަ %5 ގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެން މުސާރަ ނޫނީ އެލަވަންސްވެސް މި ދޭން ޖެހެނީ. އަދި ބައެއް ރަށްރަށުގައި އާބާދީ ކުޑަ ވީމާ އެ އޮންނަ ފޯމިއުލާއެއްގެ ތެރެއިން ލިބޭ ބަޖެޓުން އަހަރު ދުވަހުގެ އެލަވަންސް ނުދެވެ. ބައެއް ކައުންސިލްތައް އަޅުގަނޑާ ބައްދަލުވެއްޖެ، އާބާދީ ކުޑަ ރަށުގައި އެ ފޯމިއުލާ އެޕްލައި ކުރީމާ ތިން މަހު އެލަވަންސް ދީފާ، ބާކީ މަސްތަކުގަ ނުދެވޭ. ހަ މަހު ދީފާ، ބާކީ މަސްތަކުގެ ނުދެވޭ އެލަވަންސް. މިކަހަލަ ގޮތަކަށް ގާނޫނުތައް ހެދިފައި ހުރީ.
މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ހައިސިއްޔަތު ނެތުމުގެ ސަބަބުން ރޯދަ އިނާޔަތާއި ވިހެއުމުގެ ޗުއްޓީއާއި ލޯނު ނެގުން ފަދަ ކަންކަން ފަހިވެފައި ނޯންނަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ގަސްތުކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަމާއެކު ގާނޫނުތައް އިސްލާހުކޮށްގެން ހުރިހާ މައްސަލަތަކެއް ހައްލުކޮށްދިނުމަށްކަމަށެވެ.
ތިޔައީ ކުރަން ހެޔޮވާވަރުގެ ކަމެއް ނުން.