ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހުރީ ރައްޔިތުންގެ އިޖްތިމާއީ ހަޔާތް ވަރަށް ބޮޑަށް ބަދަލުކޮށްލާނެ ކަންތައްތައް ކަމަށް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފ. ފީއައްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގެންނެވީ ވަރަށް ގިނަ ދިރާސާތައް ހެއްދެވުމަށްފަހު، ރައްޔިތުން ބޭނުންވާ ކަންތައްތައް ދެނެވަޑައިގެން ކަމަށެވެ. އަދި އެކަންތައްތައް އެމަނިކުފާނު ވަނީ ރައްޔިތުންނަށް ހިއްސާކުރައްވާފައި ކަމަށާއި، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ އެ މެނިފެސްޓޯއަށް ރައްޔިތުން އާބަސް ބުނެގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެ މެނިފެސްޓޯގައި ހުރީ ރައްޔިތުންގެ އުއްމީދުތަކާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަންތައްތަކާއި ރައްޔިތުންނަށް ވަރަށް ބޮޑު ދިރުންތައް އަންނާނެގޮތަށް ރައްޔިތުންގެ އިޖްތިމާއީ ހަޔާތް ވަރަށް ބޮޑަށް ބަދަލުކޮށްލާނެ ކަންތައްތައް ކަމަށެވެ. އެ މެނިފެސްޓޯގައި ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލުހޯދައި ދިނުމަށް ފަރުވާ އެބަހުރިކަމަށާއި އެ ހުރިހާ ކަމެއް ހައްލުކޮށްދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަންނަނީ ރެޔާއި ދުވާލު މަސައްކަތް ކުރައްވަމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނާއެކު މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންވެސް އެވަރަށް މަސައްކަތް ކުރައްވާކަން އެމަނިކުފާނު ކަށަވަރު ކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ގާނޫނީ ވެރިކަމެއް ފެށިގެން އަންނަނީވެސް އަދި އެ ވެރިކަމެއް ދެމިއޮންނާނީވެސް ރައްޔިތުންގެ ކިބައިންކަން ރައްޔިތުން ގަބޫލުކުރަންޖެހޭ ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުން ހަވާލުކުރި ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ރައްޔިތުންގެ އިތުރު ޒިންމާއެއް އެބަ އޮތް ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމަނިކުފާނަށް ދެއްވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތައް ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި ސަރުކާރާއި ގުޅިގެން ރައްޔިތުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ފ.ފީއައްޔަށްވެސް ބޭނުންވާ މުހިންމު މަޝްރޫއުތަކެއް ހުރި އިރު، އެ މަޝްރޫއުތައް ކުރިއަށްގެންދިއުމަށްޓަކައި ސަރުކާރާއެކު މަސައްކަތް ކުރައްވާނެ މެމްބަރުންތަކެއް ރައްޔިތުން ކަނޑައަޅުއްވަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.