ހއ.ދިއްދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި، ފެނަކައިގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމުގައި ހުންނެވި ރަޝީދު ދެއްކެވި ވާހަކަތައް ޕީއެންސީން ކުށްވެރި ކޮށްފިއެވެ.

Ads by Asuru

ޕީއެންސީގެ ރަސްމީ އެކްސް ހޭންޑްލް އިން ކުރި ޕޯސްޓެއްގައި ބުނީ، ރޭ ބޭއްވި ޖަލްސާގައި ”ކަރަންޓު ހަމައެކަނި ދޫކުރަންވީ ޕާޓީގެތަކަށް“ ކަމަށް ބުނެ ދެއްކި ވާހަކަތައް ވަރަށް ހަރުކަށިކޮށް ކުށްވެރިކުރާ ކަމަށެވެ.

”އޭނާ ދެއްކި ވާހަކަތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތެއްނޫން.“ ޕީއެންސީ އިން ބުނެފައިވެއެވެ.

ރަޝީދު ދެއްކި ވާހަކަތަކަކީ ޕީއެންސީގެ ވެސް ސިޔާސަތެއް ނޫން ކަމަށާއި، ރައީސް މުއިއްޒުގެ ސިޔާސަތަކީ ވަކި ފިކުރަކަށް ނުބަލާ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ސިޔާސަތެއް ކަމުގައި ވެސް ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެފައިވާއިރު، އިންތިހާބާ ދިމާކޮށް، ސަރުކާރުން ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތު ކުރަމުންދިޔަ ނަމަވެސް، ސަރުކާރުން އެ ތުހުމަތުތައް ދޮގުކުރެއެވެ. ޕީއެންސީ/ޕީޕީއެމުން ބުނީ، ރައްޔިތުންގެ ލޯތްބާއި އިތުބާރު، އެ ދެ ޕާޓީން ވެސް ހޯދާނީ ތަރައްގީގެ މަޝްރޫއުތައް ހިންގައިގެން ކަމަށާއި، އެއީ ވަޒީފާގެ ބިރު ދައްކައިގެން ކުރާނެ ކަމެއް ނޫން ކަމުގައެވެ.